މެމްބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
12 އޭޕްރީލު 2026 - 08:54

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާނު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ސިނާނުގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ، ސިނާން އާއި އެހެން ބަޔަކާއި ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 2.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލާގައި، 2.5 މިލިއަން ރުފިޔާ ހަމަހަަށް ބަހާލައިގެން ދެއްކުމަށެވެ. މި މައްސަލައެއް ހުށަހެޅީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ.

Ad by Hajj Corporation
ސުޕްރީމް ކޯޓުގައި އާދީއްތަ ދުވަހު ބޭއްވި ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވުމުގެ މައްސަލާގައި ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔަށް، ފަނޑިޔާރު އަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރުމާއެކު، މިމައްސަލައިގެ ހުކުމް އިއްވާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މިމައްސަލާގައި ހުކުމް އިއްވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވީ އައްޑޫ އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއިން، ސ.ހިތަދޫ، ހުޅުދޫއާގޭ މުޙައްމަދު ސިނާނުގެ މައްޗަށް ސާބިތުވި ދަރަނި، އެހުކުމާއި އެއްގޮތަށް ދައްކާފައިނުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ.ގެ އެއްވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން މުޙައްމަދު ސިނާނު ވަކިވެއްޖެ ކަމުގައި ކަނޑައަޅާ، ސުޕްރީމް ކޯޓުގެ މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު ނުދެއްކުމަކީ ހުކުމާ އެއްގޮތަށް އަމަލުނުކުރުން، ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާ ސިނާންގެ ފަރާތުން ދައްކާފަ ނުވުން، ހުކުމް ކުރިކަން ނޭނގޭ ކަމަށް ބުނާ ބުނުން ގަބޫލު ނުކުރެވުން، ރަހުނެއް އޮތުމަކީ ދަރަނި ނުދައްކާ ހުރެވޭނެ ސަބަބެއް ނޫން ކަމަށް ވުން، އަދި ކޯޓަކުން ދައްކަން އަންގާ ކޮންމެ ފައިސާއެއް ނުދެއްކުމަކީ ދަރަނި ނުދެއްކުންކަމެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.
ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލަ އެވެ. މިއީ ވިހިވަނަ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެ.


