ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށްކަމަށް ހައިކޯޓުން ވެސް ނިންމައިފި


29 އޭޕްރީލު 2025 - 11:00
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފިއެވެ.
މި މައްސަލައިގައި ޝަމްއާން ވަހީދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުއެވެ.
ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވިގެންނެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ފުރަތަމަ ޝަމްއާން 15 ދުވަހަށް ބަންދުކުރަން އަމުރުކުރި އެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.
މި އިއްވި ހުކުމްގައި މި ދެ އަމުރު ވެސް ރަނގަޅު ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމާފައިވެއެވެ.
ޝަމްއާންގެ ފަރާތުން މި މައްސަލަ އިސްތިއުނާފް ކުރުމުން، ހައި ކޯޓުން ނިންމީ އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ވެސް ރަނގަޅު ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ހިންގުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާތީ އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ހިލާފް ކަމެއް ނޫން ކަމަށް ހައި ކޯޓުން ނިންމާފައިވެއެވެ.
ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ ފުލުހުންނަށް އެކަނި ވެސް މި ބާވަތުގެ މައްސަލަތައް ތަހުގީގު ކުރެވޭނެ ކަމަށެވެ. އަދި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ގާނޫނީ ބަހުސެއް ޝަމްއާންގެ ފަރާތުން ދެއްކިފައިނުވާ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.
މި މައްސަލާގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު މުވައްޒަފުންތަކެއް ވެސް ހައްޔަރުކުރެވުނު ކަމަށް ފާހަގަކޮށްލެވެއެވެ.
އިތުރު ލިޔުންތައް
ބުޅަލުން ބާގަރ ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއެއް ހައްޔަރުކޮށްފި
9 މަސް ކުރިން
ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
9 މަސް ކުރިން
ގަވާއިދާ ޚިލާފަށް ކާބޯތަކީގެ ވިޔަފާރިކުރި 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
9 މަސް ކުރިން