ޑރ މުނައްވަރު ދެއްވި ޔަޤީންކަން: "ހަޤީޤަތް ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން"

30 އޭޕްރީލު 2025 - 11:30
މި މަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ޙަޤީޤަތް ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމުގައި މައްސަލަ ތަޙުޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޚާއްސަ ކޮމިޝަނުންގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަންގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަފުޅުދައްކަވަމުން ޑރ މުނައްވަރު ވިދާޅުވީ، އަންހެން ކުއްޖާ ވެއްޓުނު ހާދިސާގައި ކޮމިޝަންގެ މައްޗަށް ބެލުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ފަށާފައިވާކަމަށެވެ. އެގޮތުން ކޮމިޝަންގެ މަސައްކަތައް އެއްބާރުލުން ބޭނުންވާ ފަރާތްތަކާ ބައްދަލުކުރަން ފަށާފައިވާކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށް މާގިނަ ދުވަސްތަކެއް ނަގާނެކަމަށް ނުބެލެވޭކަމަށެވެ. އަދި ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނުފޫޒް ހިންގަން ފަސޭހަ މީހަކަށް ނުވާނެ. ކޮމިޝަންގެ މެންބަރުންގެ މެދުގައި ވާހަކަ މި ދެއްކުނީ ރައްޔިތުންނަށް މަޢުލޫމާތު ދެވޭނެ ޕޯޓަލްއެއް ހުޅުވުމަށް. ސުވާލުކުރީމަ އާންމު ސުވާލުތަކަށް ޖަވާބުވެސް ދޭނެ. އެކަމަކު ޖިނާޢީ ކުށެއް ކުރިކަމުގެ ތުހުމަތުގައި ކުރެވޭ ތަޙްޤީގަކަށް ވީމަ ބައެއް ކަންކަން ހުންނާނެ ތަޙްޤީގު ފުރިހަމަ ވީމަ އާންމުކުރެވޭނެ މަޢުލޫމާތު. އެކަމަށް ރިއާއަތް ކުރެވެންވާނެ." ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލައަކީ ޙައްސާސް މައްސަލައެއްކަން ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވީ، މި މައްސަލައިގައި އާންމުންގެ ފަރާތުން މައުލޫމާތު ދިނުމަށް ޕޯޓަލްއެއް ތައްޔާރުކުރާނެ ކަމަށެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ކޮމިޝަނުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ފެނި، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޢާންމުންނަށް ސުވާލުވެސް ކުރެވޭނެ ކަމުގައި މުނައްވަރު ވިދާޅުވިއެވެ.
އަދި މިހާރު ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަ ގޮސްފައިވާ ހިސާބު ބަލައި، އެ މައްސަލައިގެ ރިވިއު އެއް ވެސް އެ ކޮމިޝަނުން ކުރާނެ ކަމުގައި ވެސް މުނައްވަރު ވިދާޅުވިއެވެ.
18 ވަނަ ދުވަހު ހިނގި މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނެއް ރައީސް އުފެއްދެވީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ކޮމިޝަނުގައި ޖުމްލަ ފަސް މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.
އިތުރު ލިޔުންތައް
އާންމުންގެ އެހީ ކޮމިޝަނަށް ބޭނުންވާތީ މައުލޫމާތު އެއްކުރަން ޕޯޓަލް އެއް ހަދަނީ
21 ދުވަސް ކުރިންޔުމްނު ވެއްޓުނު މައްސަލާގައި މައުލޫމާތު އެއްކުރަން ހާއްސަ ޕޯޓަލް ހުޅުވާލައިފި
13 ދުވަސް ކުރިން
ރައުދުގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފި
10 ދުވަސް ކުރިން