logoEN
ޚަބަރު

އާންމުންގެ އެހީ ކޮމިޝަނަށް ބޭނުންވާތީ މައުލޫމާތު އެއްކުރަން ޕޯޓަލް އެއް ހަދަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

30 އޭޕްރީލު 2025 - 11:57

މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅޭ މަޢުލޫމާތު ޙިއްސާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުުމުގެ ގޮތުން އެކަމަށް ޙާއްޞަ ޕޯޓަލްއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މައްސަލަ ތަޙުޤީޤު ކުރުމަށް ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

މި ކޮމިޝަންގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވިދާޅުވީ، މި ޕޯޓަލް ތައްޔާރު ކުރާނީ ސުވާލުވެސް ކުރެވޭ ގޮތަށް ކަމަށާއި ތަޙުޤީޤު ކުރިއަށްދާ ގޮތުގެ އަދާހަމަވެސް މި ޕޯޓަލްގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

"އެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް މަޢުލޫމާތު ދެވޭނެ. ސުވާލު ވެސް ކުރެވޭނެ. އަދި ސުވާލުކުރެވުނީމާ އޭގައި ހުންނަ އާއްމު ސުވާލުތަކަށް އަޅުގަނޑުމެން ހަމަ ޖަވާބުދިނުން، އަދި އިންޑިވިޖުއަލް ބޭފުޅުން ކުރައްވާ ސުވާލުތަކަށް ވެސް ޖަވާބުދިނުން، އަޅުގަނޑުމެން ކުރާ މަސައްކަތް ހަމަ ދުވަހުން ދުވަހަށް ފެންނަ ގޮތަށް ގެންދާނީ." ޑރ މުނައްވަރު ވިދާޅުވިއެވެ.

މި ހާދިސާގައި ޖިނާއީ ކުށެއް ކުރެވުނުކަމުގެ ތުހުމަތުގައި ކުރެވޭ ތަހުގީގަކަށް ވާތީ ބައެއް މައުލޫމާތުތައް ތަޙުޤީޤު ފުރިހަމަވުމުން ހާމަކުރެވޭ ކަހަލަ މައުލޫމާތު ހުރެދާނެ ކަމަށް ރިއާޔަތް ކުރުމަށް މުނައްވަރު އެދިވަޑައިގެންނެވިއެވެ. އެފަދަ މައުލޫމާތެއް ނެތްނަމަ އެ ކޮމިޝަންގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި ކުރެވޭ މަސައްކަތްތައް ހާމަކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

" އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެންނަށް ވަރަށް މިނިވަންކަމާ އެކު މަސައްކަތް ގެންގޮސް، މި މައްސަލާގައި ރައްޔިތުން ބޭނުންވާ ގޮތަށް އިންސާފުވެރިކަމާ އެކު ދައުލަތުގެ މުއައްސަސާތަކުން ބެލޭނެކަން ކަށަވަރުކުރުން އަޅުގަނޑުމެންނަށް ކުރެވެން ޖެހޭނެކަން. މިނިވަންކޮށް މިކަން ނުގެންދެވޭ ކަމަށް ވެއްޖެއްޔާ، އެއްވެސް ބާވަތެއްގެ ނުފޫޒަށް ކަމެއް ނިންމަން ޖެހޭ ގޮތަށް ޕްރެޝަރެއް އައިސްފިއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން ވަގުތުން، " މުނައްވަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައަކީ ޙައްސާސް މައްސަލައެއްކަން ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވީ، މި މައްސަލައިގައި އާންމުންގެ ފަރާތުން މައުލޫމާތު ދިނުމަށް ޕޯޓަލްއެއް ތައްޔާރުކުރާނެ ކަމަށެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ކޮމިޝަނުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ފެނި، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޢާންމުންނަށް ސުވާލުވެސް ކުރެވޭނެ ކަމުގައި މުނައްވަރު ވިދާޅުވިއެވެ.

އަދި މިހާރު ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަ ގޮސްފައިވާ ހިސާބު ބަލައި، އެ މައްސަލައިގެ ރިވިއު އެއް ވެސް އެ ކޮމިޝަނުން ކުރާނެ ކަމުގައި ވެސް މުނައްވަރު ވިދާޅުވިއެވެ.

18 ވަނަ ދުވަހު ހިނގި މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނެއް ރައީސް އުފެއްދެވީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ކޮމިޝަނުގައި ޖުމްލަ ފަސް މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް

871x217_placeholder