މީހުންގެ ނަމުގައި ދޮގު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފަލާހް


02 މޭ 2025 - 14:30
ހައްޤުތައް ހޯދަން ނިކުމެ އެހެން މީހުންގެ ހައްޤުތައް ނަގާލާ، ބޮޑެތި ދޮގު ވާހަކަ މީހުންގެ ނަމުގައި ފެތުރުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދޮގު މަޢުލޫމާތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނެވެ.
"ރޭގައި މުޒާހަރާގައި ޢާންމު އިޖްތިމާޢީ މިންގަނޑުތަކާއި އަދި ފުލުހުންގެ ޤާނޫނީ މަސައްކަތަށް ހުރަސް އެޅި ދެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިއުމާއި ގުޅިގެން ރައީސް ޑރ މުޢިއްޒުގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓާގްރާމް އެކައުންޓުން އެކަމާ އުފާފާޅު ކުރިކަމަށް ބުނެ، ފަތުރަމުންދަނީ ފާޅުވެގެންވާ ބޮޑު ދޮގެކެވެ," ފަލާހް ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ މިފަދަ ޢަމަލުތަކަކީ ޑިމޮކްރަސީގެ ނަމުގައި ޤައުމުގެ ޢަދުއްވުން ހިންގާ ޖަރީމާގެ އެއް ވައްތަރު ކަމަށެވެ. އަދި ހައްޤުތައް ހޯދަން ނިކުންނައިރު އެހެން މީހުންގެ ހައްޤުތަކަށް އަރައިގަތުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި މުޒާހަރާ ކުރަމުން ދިޔަ ޒުވާނުން ވަނީ ޢާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު އަދި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފު އެތަކެއް ޢަމަލުތަކެއް ހިންގާފައެވެ. މީގެ ތެރޭގައި މަޖީދީމަގުގެ މެދުގައި، ޢާންމު ރައްޔިތުންގެ ދަތުރުފަތުރަށް ހުރަސްއެޅުމާއި، ޢާންމު ވިޔަފާރިތަކަށް ގެއްލުންދިނުން ހިމެނެއެވެ.
"ދިވެހިރާއްޖޭގެ ފުލުހުންނާއި ސަލާމަތާބެހޭ ބާރުތަކުން ޤާނޫނީވެރިކަން ދިފާޢުކޮށް، ޤައުމުގެ ދާޚިލީ ހަމަޖެހުން އަބަދުވެސް ޤާއިމު ކުރާނެއެވެ," ފަލާހް ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
10 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން