ލީގު ކަޕް ފުޓްބޯޅަ މުބާރާތް މިރޭ ފަށަނީ
4 މޭ 2025 - 04:03

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް ފުޓްބޯޅަ މުބާރާތް މިރޭ ފަށަން ތައްޔާރުވެއްޖެއެވެ.
ފުރަތަމަ ޑިވިޝަނުގެ 3 ޓީމާއި ދެވަނަ ޑިވިޝަނުގެ 2 ޓީމެއް ވާދަކުރާ ލީގު ކަޕް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ގަލޮޅު ދަނޑުގައެވެ. މުބާރާތް ހުޅުވާ މެޗުގައި މިރޭ 21:00 ގައި ދަނޑަށް ނިކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބެވެ.
މި މުބާރާތުގައި ވާދަކުރާ ކުލަބުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި އދ. މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

Ad by Hajj Corporation
މުބާރާތުގެ ހުރިހާ މެޗަކަށްވެސް ހިލޭ ސަޕޯޓަރުންނަށް ވަދެވޭގޮތަށް ކުރިއަށް ގެންދަން ރާވާފައިވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މެއި 28 ގައެވެ.
އަދި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ނިއުރޭޑިއަންޓެވެ. ތިން ދުވަހުން ތިން ދުވަހުން މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެންދާތީ އާއި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާވާފައިވާ މުބާރާތެވެ.
ސާފް ޗެމްޕިއަންޝިޕް ވަނީ 2026 އަށް ފަސްކޮށްފައެވެ. ނަމަވެސް ލީގު ކަޕް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށް އެކަށީގެންވާ ގައުމީ ސްކޮޑެއް ގައުމީ ޓީމަށް ނެގުމަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތަކަށް ވާނެއެވެ.