logoEN
ރިޕޯޓް

ރައީސް މުޢިއްޒުއަށް ''އޭ ޕްލަސް'' އެއް

މުހައްމަދު މޫސާމުހައްމަދު މޫސާ

04 މޭ 2025 - 17:00

ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހު ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާއި ބައްދަލުކޮށްލަން ފޮނުއްވި ދަޢުވަތަށް އެތަނަށް ދިއުމަށް އަޅުގަނޑު ތައްޔާރުވީ މީގެ ކުރީން ވެސް ރައީސުން ދެއްވަމުން އަންނަ ފުރުސަތުތަކަށް ބަލައިގެންނެވެ. ޕްރެސްގެ ދިގުމިން އެންމެ ގިނަވެގެންވާނީ ވެސް ދެ ގަޑިއިރުކަމަށް ހީކުރީމެވެ. ސުވާލު ކުރަން ލިބޭނީ އެއް ފުރުސަތު ނޫނީ ދެ ފުރުސަތުކަމަށް ހީކުރީމެވެ.

ހެނދުނު 10 ޖަހައި މާގިނަ އިރެއްނުވެ ޕްރެސް ފެށިއްޖެއެވެ. ރައީސް ފެއްޓެވީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުތައް ފުއްދަވަމުންދާ ގޮތުގެ މަސައްކަތްތަކުގެ މައުލޫމާތު އަންގައިދޭ ޕްރެޒެންޓޭޝަނަކުންނެވެ. އެ ޕްރެޒެންޓޭޝަންގައި އެމަނިކުފާނުގެ މެނިފެސްޓޯގައި ލިޔެފައިވާ ކަންކަން، އެކި ބައިތައް ވަކިން ހާސިލްވި މިންވަރާއި، ކުރިއަށް ހުރި ފިޔަވަޅުތައް ވިދާޅުވަމުން ގެންދެވިއެވެ.

ވަގުތު ދިގުލައި ދާން ފެށުމުން އެތާނގައި އިދެފައި ފޯނު ހާވައިލެވުނެވެ. ފެނުނީ ނޫހެއްގެ ވެރިއަކު ނިކަން ކޯފާވެފައި އެކްސްގައި ލިޔެފައި އޮތް ޕޯސްޓެކެވެ. ''މިހާރު ފޫހިވެއްޖޭ، ހުއްޓާލައްވާ. ކެރިވަޑައިގަންނަވާނަމަ ނޫސްވެރިންނަށް ފުރުސަތު ހުޅުވާލަބަ. ޝަހުޒާން އެކަނި ކޮށްލާ ސުވާލުތަކަށް ވެސް ޖަވާބު ދެވޭނެހެން ހިޔެއް ނުވޭ.'' އޭނާ ލިޔެފައި އޮތެވެ. ބައެއް ހީކުރުން އޮތީ ރައީސް ސުވާލަށް ވަގުތު ނުދެއްވައި، ޕްރެޒެންޓޭޝަނުން ނިންމާލައްވަނީ ކަމަށެވެ. 500 އެއްހާ ދުވަސްފަހުން ނޫސްވެރިންނާއި ބައްދަލުކުރަށްވައި ''ރެކިގަންނަން'' އުޅެނީކަމަށް ހީކުޅަ މީހުންއުޅުނެވެ. ނަމަވެސް ކަން ވީ އެހެންނެއްނޫނެވެ. ތާރީޚް ބަދަލުކޮށްލެއްވީއެވެ. ވަރުބަލިކަމެއް ފޫހިކަމެއްނެތި ހިނިތުންވެ ހުންނަވާ ނޫސްވެރިންގެ 300 އެއްހާ ސުވާލަށް 14:54 މިނިޓް ވަންދެން ޖަވާބުތައް ދެއްވިއެވެ. ނޫސްވެރިންގެ ސުވާލުތައް ހުސްކޮށްލެއްވީއެވެ. ރައީސަށް 'އޭ ޕްލަސް'' ރިޕޯޓެއް ހައްގުވީ މިހެންވެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، ރައީސް ވަނީ ރާއްޖޭގެ ތާރީޚުގައި މިފަދަ ބައްދަލުވުމެއްގައި އެންމެ ދިގު ވަގުތު ހޭދަކުރައްވައި، ނޫސްވެރިންގެ އެންމެހައި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. މި ކާމިޔާބު ބައްދަލުވުމާ ގުޅިގެން ރައީސް މުޢިއްޒުއަށް "އޭ ޕްލަސް" އެއް ޙައްޤުވެއްޖެކަން ޔަގީނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ފުރަތަމަ ދެ ގަޑިއިރު ހޭދަކުރެއްވީ ސަރުކާރުގެ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ޕްލޭންތައް ހިއްސާކުރެއްވުމަށެވެ. އޭގެފަހުން، މެންދުރު 12:20 އާ ހިސާބުން ފެށިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ފެއްޓެވިއެވެ.

ރައީސް މުޢިއްޒު ވަނީ ނޫސްވެރިންގެ 300 އަށްވުރެ ގިނަ ސުވާލަށް 14 ގަޑިއިރާއި 54 މިނެޓުގެ ދިގު މުއްދަތެއްގައި ޖަވާބު ދެއްވާފައެވެ. މި ބައްދަލުވުން ނިމުނީ ރޭގަނޑު 12:55 ގައެވެ. މި ދިގު މުއްދަތުގައި ރައީސް ވަނީ ހަމަޖެހިވަޑައިގެން، ކޮންމެ ސުވާލަކަށް ސާފުކޮށް ޖަވާބު ދެއްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި، ޤައުމުގައި ހުރި މައްސަލަތަކާއި، ހިންގާ މަޝްރޫޢުތަކާއި، އަމާޒުވާ ފާޑުކިޔުންތަކާއި، އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެކި ކަންކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވާނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރާ އެކުގައި ކަމަށެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިން ބާއްވާފައިވާ މިފަދަ ބައްދަލުވުންތަކާ އަޅާބަލާއިރުވެސް، މިއީ ފާހަގަކޮށްލެވޭ ތާރީޚީ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ. ރައީސް ހެއްދެވީ ދުނިޔޭގެ ރެކޯޑެކެވެ! އެއީ މުރާލިކަމާއި ހީވާގިކަމުގެ ރެކޯޑެއްވެސް މެއެވެ. ''އޭ ޕްލަސް'' މިދޭ އަނެއް ސަބަބަކީ މިއެވެ.

ރައީސް މުޢިއްޒު މި ބައްދަލުވުމުގައި ދެއްކެވި ހުޅުވާލެވިފައިވާ، ޖަވާބުދާރީވުމުގެ ރޫޙާއި، ނޫސްވެރިންނަށް ދެއްވި ފުރިހަމަ މިނިވަންކަމަކީ ޑިމޮކްރަސީގެ އަސާސްތައް ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ދެއްވާ އަހަމިއްޔަތެވެ.. މި ކަމަކީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ ހެއްކެކެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ރައީސް މުޢިއްޒުއަށް "އޭ ޕްލަސް" އެއް ޙައްޤުވެއެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން އިތުރަށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ރަމްޒެކެވެ. ރައީސްގެ މި މަސައްކަތްތަކަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި އިތުރު ހާމަކަމާއި ޖަވާބުދާރީވުން ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ދެކެވެއެވެ.

ކޮމެންޓް

871x217_placeholder