logoEN
ވިޔަފާރި

ބަންކަރިންގެ ޚިދުމަތަށް މިހާރު ވެސް ދަނީ ބުކިން ލިބެމުން: އެސްޓީއޯ

އެސްޓީއޯ އިން ބަންކަރިންގެ ޚިދުމަތް ފެށުމުގައި ބޭނުންކުރާނެ ފުރަތަމަ ބޯޓު --ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ އިން ބަންކަރިންގެ ޚިދުމަތް ފެށުމުގައި ބޭނުންކުރާނެ ފުރަތަމަ ބޯޓު --ފޮޓޯ/ އެސްޓީއޯ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

16 ސެޕްޓެމްބަރު 2024 - 15:27

މި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ބަންކަރިންގެ ޚިދުމަތަށް އެދި، މިހާރު ވެސް ބުކިންތައް ލިބެމުންދާ ކަމުގައި އެސްޓީއޯ އިން ބުނެފިއެވެ.

ބަންކަރިންގެ ޚިދުމަތުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެސްޓީއޯއިން ބުނީ، އެ މަސައްކަތް ކުރުމަށް އެސްޓީއޯ އޮތީ ތައްޔާރަށް ކަމަށާއި، އެކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި، އެ ޚިދުމަތް ފަށާއިރު އެސްޓީއޯއިން ބޭނުންކުރާނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، އެމްއެސްއެސް އިން އޮޕަރޭޓްކުރަމުން އަންނަ "ވައިސީ ބެރިއާ" ނަމަކަށް ކިޔާ އުޅަނދެކެވެ. އެ އުޅަނދަކީ މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ އުފުލޭ ބޯޓަކަށް ވާއިރު، އެ ބޯޓަކީ 1،100 ކޮންޓެއިނަރު ވެސް އުފުލުމުގެ ގާބިލުކަން ހުރި ބޯޓެކެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި، އެ ބޯޓު ބޭނުންކުރަނީ އުޅަނދުތަކުގެ ޝެޑިއުލް ބަންކަރިންއަށެވެ. ރާއްޖެއިން ލޯ ސަލްފާ ފިއުލް އޮއިލް ނުލިބޭތީ، މީގެ ކުރިން އެ އުޅަނދު ބަންކާކުރީ ސްރީލަންކާގެ ކޮލޮމްބޯގައެވެ.

ބަންކަރިންގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އެ ޚިދުމަތުގެ މާކެޓް އިތުރަށް ފުޅާކުރާނެ ކަމުގެ ޔަގީންކަން ވެސް އެސްޓީއޯ އިން ދެއެވެ.

އެ ޚިދުމަތް ފެށުމަށް އެސްޓީއޯ އިން ވަނީ އިތުރު ދެ ބޯޓެއް ވެސް ގެނެސްފައެވެ. އެގޮތުން ގެނެސްފައިވަނީ 4،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓަކާއި އަދި ،3200 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓެކެވެ.

ރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން، ރާއްޖޭގެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށްވުރެ ގިން އާގު ބޯޓު ދަތުރުކުރާ ކަމަށް ހިސާބުތަކުން ދައްކައެވެ. އެހެން ނަމަވެސް އެ ބޯޓުތަކަށް ވެސް ބަންކަރިންގެ ޚިދުމަތް ހޯދުމަށް ދަތުރުކުރަން ޖެހެނީ ކޮލޮމްބޯގެ ބަނދަރު އަދި އިންޑިޔާގެ ބަނދަރުތަކަށެވެ. އެއީ ރާއްޖެ އޮންނަ "ސަބް އިންޑިޔަން ކޮންޓިނެންޓް"ގައި އެ ޚިދުމަތް ފޯރުކޮށްދެނީ އެ ބަނދަރުތަކުން އެކަނި ކަމަށް ވުމުންނެވެ.

އެހެން ނަމަވެސް ރާއްޖެއިން އެ ޚިދުމަތް ފެށައިގަނެ، އެ ޚިދުމަތުގެ ފުރަތަމަ އަހަރު ވެސް ރާއްޖޭގެ އިގްތިސާދަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

ކޮމެންޓް

871x217_placeholder