ފޮސިމްއާއި ޔޫޕީސް ގުޅިގެން ކެޕޭސިޓީ ބިލްޑިންގ ފުރުޞަތުތައް އިތުރުކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި


06 މޭ 2025 - 14:06
ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި އދ.ގެ ޔުނިވަރސިޓީ އޮފް ޕީސް ގުޅިގެން ކެޕޭސިޓީ ބިލްޑިންގ ފުރުޞަތުތައް އިތުރުކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ސުވިޓްޒަލޭންޑުގެ ޖެނީވާގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މި އެމްއޯޔޫގައި ސޮއިކުރެއްވީ ދިވެހި ސަރުކާރުގެ ފަރާތުން ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދާއި، ޔއި، ޔޫޕީސްގެ ފަރާތުން ޖެނީވާގައި ހުންނަ ޔުނިވަރސިޓީ ފޮރ ޕީސްގެ އެމްބެސެޑަރ އަދި ދާއިމީ އޮބްޒާވަރ މިސްޓަރ ޑޭވިޑް ފަރނާންޑޭޒް ޕުޔާނާއެވެ.
މި އެއްބަސްވުމުގައި އަމާޒުކުރެވިފައިވަނީ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ތަޢުލީމީ ވަސީލަތްތަކަށް ވާސިލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ތެރެއިން ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާގައި މަސައްކަތްކުރާ ފޮރިން ސަރވިސްގެ އޮފިސަރުންނާއި ސަރުކާރުގެ އޮފިޝަލުންގެ ޕްރޮފެޝަނަލް ތަރައްޤީ އިތުރުކުރުމަށެވެ. ޤާބިލުކަން އިތުރުކުރުމުގެ ފުރުޞަތުތަކަށް އިންވެސްޓްކުރުމުގެ ތެރެއިން، މި އެއްބަސްވުމުގެ ސަބަބުން ދުރު މުސްތަޤުބަލުގައި މިނިސްޓްރީގެ މުޅި ހިންގުމުގެ ޤާބިލުކަމާއި ޑިޕްލޮމެޓިކް ކޭޑަރ އިތުރުވުމުގެ ފުރުޞަތު އެބައޮތް ކަމަށް ފޮރެން މިނިސްޓިރީއިން ވަނީ ފާހަގަކޮށްފައެވެ. އދ. ގެ ޔުނިވަރސިޓީ ފޮރ ޕީސްއަކީ 1980 ވަނަ އަހަރު އދ. ގެ ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަން 35/55 ގެ ދަށުން ޤާއިމުކުރެވުނު ތަޢުލީމީ މުއައްސަސާއެކެވެ. އަދި މި މުއައްސަސާގެ މަޤްޞަދަކީ ތަޢުލީމުގެ ޛަރީޢާއިން ދުނިޔޭގެ ސުލްޙަ ކުރިއެރުވުމެވެ. ކޮސްޓާ ރީކާގެ ސަން ހޯސޭގައި ޤާއިމުކުރެވިފައިވާ ޔޫޕީސްއިން ހިންގަނީ ޖަދަލު ހުއްޓުވުމާއި، އިންސާނީ ރައްކާތެރިކަމާއި، އިންސާނީ ޙައްޤުތަކާއި އަދި ތިމާވެށީގެ ރައްކާތެރިކަން ހިމެނޭ މައްސަލަތަކަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ތަޢުލީމާއި ތަމްރީނާއި ދިރާސާގެ ޕްރޮގްރާމްތަކެވެ.
އިތުރު ލިޔުންތައް

Maldives to Advocate for Palestinian Rights at OIC Conference
10 މަސް ކުރިން
Maldives Issues Cautionary Alert Amid UK Protest Surge
10 މަސް ކުރިން
Foreign Minister Moosa Zameer Promotes Stronger Ties with Bahrain
10 މަސް ކުރިން