logoEN
ކުޅިވަރު

މާޓީނޭޒް ކުޅުޖަހައިގެން ތަޙުގީގުކުރިޔަށް، ސަސްޕެންޝަނެއް އަތުވެދާނެ

މެޗުގެ ތެރެއިން މާޓީނޭޒް

މެޗުގެ ތެރެއިން މާޓީނޭޒް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

07 މޭ 2025 - 14:41

ބާސެލޯނާގެ ޑިފެންޑަރު އިނީގޯ މާޓިނެޒް، ޗެމްޕިއަންސް ލީގް ސެމީ ފައިނަލްގެ ދެވަނަ ލެގްގައި އިންޓަރ މިލާންގެ ފްރަންޗެސްކޯ އެސެރްބީއާ ދިމާލަށް ކުޅުޖެހުމާ ގުޅިގެން ޔުއެފާއިން އެކަން ތަޙުގީގުކުރަން ފަށައިފިއެވެ. އަދި މިކަމާގުޅިގެން މާޓީނޭޒް ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.

ސަން ސިރޯގައި ކުޅުނު މެޗުގެ ލައިވް ބްރޯޑްކާސްޓްގައި މި ހާދިސާ ސާފުކޮށް ފެންނަން ނެތް ނަމަވެސް، ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އެކި ފޮޓޯ އަދި ވީޑިއޯތަކުން މި ޢަމަލު ހިންގިކަން ކަށަވަރުވެއެވެ. މެޗަށް ފަހު ދިން އިންޓަވިއުއެއްގައި 33 އަހަރުގެ މާޓިނެޒް ކުޅުންތެރިޔަކު ޖެހިކަން ޤަބޫލުކުރި ނަމަވެސް، އެސެރްބީއަށް ސީދާ އަމާޒުކޮށްގެން ނޫންކަމަށް ބުނެފައިވެއެވެ.

"އޭނާ ގޯލު ސެލެބްރޭޓް ކުރީ އަހަރެންގެ ކަންފަތް ކައިރީގައި. އަހަރެން ރުޅިއައީ. ކުޅުޖެހިއިރު ޖެހުނީ އެއް މީޓަރު ދުރުގައި - އޭނާއަށް ސީދާ ޖެހުނު ނަމަ، އަހަރެން ރަތް ކާޑު ދައްކައި ބޭރުކުރީސް، އެކަމާ ޝައްކެއް ނެތް،" މާޓިނެޒް ބުނެފައިވެއެވެ.

މި ދެ ޑިފެންޑަރުންގެ މެދުގައި ޖެހުން ފެށުނީ ހަކަން ކަލަހަންއޯލޫ ޕެނަލްޓީ ޖަހަން ތައްޔާރުވަމުންދަނިކޮށް މާޓިނެޒް އޭނާއަށް ދަތިކުރަން މަސައްކަތްކުރުމާ ގުޅިގެންނެވެ. އެސެރްބީ މާޓިނެޒްގެ މި ޢަމަލާމެދު ހިތްހަމަނުޖެހުން ފާޅުކުރުމުން މައްސަލަ ބޮޑުވެގެން ދިޔައެވެ.

ކަލަހަންއޯލޫ ޕެނަލްޓީ ޖަހައި ސްކޯރު 2-0 އަށް ބަދަލުކުރުމަށްފަހު، އެސެރްބީ މާޓިނެޒްއާ މެދު ވަރަށް ބޮޑަށް ރުޅިއައިސްފައިވާކަން ފާހަގަކުރެވުނެވެ. ނަމަވެސް ވީއޭއާރުން މި ހާދިސާ ބަލައި ނުލައި، މެޗުގެ ތެރޭގައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކުރީގެ މިފަދަ ހާދިސާތަކަށް ބަލާއިރު، 2-4 މެޗުގެ ސަސްޕެންޝަނެއް ކަނޑައެޅުމަކީ އެކަށީގެންވާ ކަމެކެވެ.

ޔޫރަޕިއަން ފުޓްބޯޅާގައި ކުޅުންތެރިޔަކު ޖެހުމުގެ ހާދިސާތަކަށް ކުރިން ވެސް ބޮޑެތި އަދަބުތައް ދީފައިވެއެވެ. ޔޫރޯ 2004 ގައި ކްރިސްޓިއަން ޕޯލްސެންއަށް ކުޅުންތެރިޔަކު ޖެހުމުން ފްރަންޗެސްކޯ ޓޮޓީއަށް 3 މެޗުގެ ބެނެއް ދިނެވެ. އެންޖެލް ޑި މަރިއާއަށް ފްރާންސްގައި 4 މެޗުގެ ބެނެއް ދިން އިރު، މާކަސް ތުރާމް ޖަރުމަނުގައި 5 މެޗަށް ސަސްޕެންޑްކޮށް 400،000 ޔޫރޯއިން ޖޫރިމަނާ ކުރިއެވެ.

ކޮމެންޓް

871x217_placeholder