2028އިން ފެށިގެން ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން: ރައީސް


09 މޭ 2025 - 17:48
ރާއްޖެ ޑިޖިޓަލް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާއިން، 2028 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްުޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް 2.0 ( ޑިޖިޓަލް ފަސްޓް ނޭޝަން ) ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ދައުލަތުގެ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށް، ފަހުގެ ޓެކްނޮލޮޖީއާ އެއްހަމަވާ ގޮތަށް ހިދުމަތް ދިނުމަށް މިރޭ ވަނީމޯލްޑިވްސް 2.0 ގެ ނަމުގައި ބޮޑު މަޝްރޫއުއެއް ފަށާފައެވެ.
އެކަމަށް މިރޭ އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަމާޒަކީ ސިވިލް ސާވިސް މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން، 2028ވަނަ އަހަރުން ފެށިގެން، ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުންކަމަށާއި އަދި ވަކި އުސޫލެއްގެ ތެރެއިން، މަހަކަށް ކަނޑައެޅޭ ވަކި ގަޑިއެއްގައި، ވަގުތު ހަމަކުރަން އޮފީހަށް އަންނަ ގޮތަށް އުސޫލުތައް ބަދަލުކުރުން ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، މުޅި ރާއްޖޭގެ އާއްމު ހިދުމަތުގެ ހުރިހާ ކަމެއް އެއް ވިއުގައަކުން ގުޅާލާނެ އެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފްކޮށް، މިނިސްޓްރީތަކާއި ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުން ވެސް ހިދުމަތް ދޭނީ އެކަމަށް ހާއްސަ ގާނޫނުތަކުގެ ދަށުން ޑިޖިޓަލްކޮށެވެ.
ރައީސް ވަނީ، ހިދުމަތްތައް ޑިޖިޓަލްކޮށް، ބޮޑު ބަދަލެއް ގެންނައިރު ގޮންޖެހުންތައް ދިމާވާނެކަން ފާހަގަކުރައްވާފަ އެވެ. އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަ ކުރެއްވީ ބަދަލުތައް ބަލައި ނުގަނެވުމެވެ. އެކަމަކު އާ ބަދަލުތައް ބަލައިގަންނަން ދަތިވުމަކީ ތޮބީއީ ކަމެއް ކަމަށާއި އެއީ ކޮންމެ ގައުމެއްގައި ވެސް ކުރިމަތިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
މި ވާހަކަފުޅުގެ އިތުރުން، ޑިޖިޓައިލައިޒޭޝަންގެ މި ބޮޑު މަސައްކަތާ ގުޅޭގޮތުން މިރޭގެ ހަފްލާގައި ރައީސް ވިދާޅުވީ، މިއީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.
އެ އަމާޒަށް ވާސިލްވުމަށް ވަށައިޖެހޭ ގޮތެއްގައި، މާނަހުރި ކަންކަން ކުރަން ޖެހޭ ކަމަށާއި، ތަރައްގީގެ މަގުގައި ބޭނުންވަނީ ހަމައެކަނި އުސް އިމާރާތްތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން