logoEN
ޚަބަރު

ރާއްޖޭގައި ކުޑަކުދިންނަށް ޚާއްސަކޮށް ފުރަތަމަ ފަހަރަށް ޑެބިޓް ކާޑެއް ތަޢާރަފުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

10 މޭ 2025 - 10:18

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޑަކުދިންނަށް ޚާއްޞަ ޑެބިޓް ކާޑެއް މިއަދު ތަޢާރަފުކޮށްފިއެވެ.

މި ކާޑު ތަޢާރަފުކުރުމަށް ހޮޓެލް ޖެންގައި ބޭއްވުނު ރަސްމިއްޔާތުގައި މި ކާޑު ތަޢާރަފުކޮށްދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބާއި، އިވެންޓުގައި ބައިވެރިވި ގިނަ އަދަދެއްގެ ކުޑަކުދިންނެވެ.

"ސްޓޫޑެންޓް ކާޑު" ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި ކާޑު ފަރުމާކޮށްފައިވަނީ ދެ އުމުރުފުރައަކަށް ބަހާލައިގެން ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށާއި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.

ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. މި ކާޑު ބޭނުންކުރެވޭނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސްމެއެވެ. އަދި މި ކާޑުން ކުރާ މުޢާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ކާޑު މެދުވެރިކޮށް އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 ޕަސެންޓް ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެއެވެ. މިކަމުގެ ސަބަބުން ޚަރަދުކުރަމުން އަންނަ އިރު ވެސް ހަރުދަނާ ގޮތެއްގައި ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭނެއެވެ.

ބެލެނިވެރިންގެ ކޮންޓްރޯލާ އެކު ބޭނުންކުރެވޭ މި ކާޑުގެ މުޢާމަލާތްތައް ބެލެނިވެރިޔާއަށް ޓްރެކްކުރެވޭނެއެވެ. އަދި ބެލެނިވެރިޔާގެ މޯބައިލް ބޭންކިންގ އެޕްލިކޭޝަން ލޮގިންއިން މި މަޢުލޫމާތުތައް ސާފުކުރެވޭނެއެވެ. މީގެ އިތުރުން، ބެލެނިވެރިންގެ ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.

ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އޮންލައިން އަދި މަތީ އަދަދުތަކުގެ މުޢާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރަށް އޯޓީޕީ ބޭންކުން ފޮނުފޮނުވާނެއެވެ. އަދި ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެއެވެ.

މިއީ ރާއްޖޭގައި ކުޑަކުދިންނަށް ޚާއްޞަ ޑެބިޓް ކާޑެއް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

871x217_placeholder