މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް: އައިލެންޑް ރަނާސް ދެ ޑިވިޝަނުންވެސް ޗެމްޕިއަން
11 މޭ 2025 - 06:55

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އައިލެންޑް ރަނާސްއިން ހޯދައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރާ ހަމައަށް ކުރިއަށްދިޔަ މި މުބާރާތުގައި، ފިރިހެން ކެޓެގަރީން އެއްވަނަ ހޯދި އައިލެންޑް ރަނާސްއިން ވަނީ 8 ރަން މެޑެއްޔާއި، 3 ރިހި މެޑެލް އަދި 3 ލޯ މެޑެއްޔާއެކު ޖުމްލަ 14 މެޑަލް ހޯދާފައެވެ. އަންހެން ޑިވިޝަނުން އެ ޓީމުން ވަނީ 5 ރަން މެޑެއްޔާއި، 1 ރިހި މެޑެލް އަދި 1 ލޯ މެޑެއްޔާއެކު ޖުމްލަ 7 މެޑަލް ހޯދާފައެވެ.
މާސްޓަރސް އެތުލެޓިކްސް ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި ދިވެހިންނާއި ބިދޭސީން ވާދަކުރިއެވެ. މުބާރާތް ކުރިއަށްގެންދިޔައީ 35 އަހަރާއި 39 އަހަރާ ދެމެދު، 40 އަހަރާއި 44 އަހަރާ ދެމެދު، 45 އަހަރާއި 49 އަހަރއަހަރާ ދެމެދު، 50 އަހަރާއި 55 އަހަރާ ދެމެދު އަދި 55 އަހަރުން މަތީގެ އުމުރުފުރާތަކަށް ބަހާލައިގެންނެވެ.
އައިލެންޑް ރަނާރސް. ފޮޓޯ: ގާފު

އައިލެންޑް ރަނާރސް. ފޮޓޯ: ގާފު.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތުގައި 100 މީޓަރު، 200 މީޓަރު، 1500 މީޓަރު، 5000 މީޓަރު އަދި 10000 މީޓަރު ދުވުމުގެ އިވެންޓްތައް ކުރިއަށްދިޔައެވެ. މީގެ އިތުރުން ފީލްޑް ހަރަކާތްތަކުގެ ގޮތުގައި ޝޮޓްޕުޓް، ޑިސްކަސް އަދި ޖެވެލިން ތުރޯ ހިމެނުނެވެ.
މާސްޓަރސް އެތުލެޓިކްސް ކުލަބުން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދޮށީ އުމުރުފުރާގެ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމާއި ހެލިފެލިވެ އުޅުމުގެ ވައްޓަފާޅި އަށަގެންނެވުން ުން ކަމަށެވެ.
މުބާރާތަށް ލިބުނު ފާހަގަކޮށްލެވޭ ތަރުހީބާއެކު، މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގައި މިފަދަ މުބާރާތެއް ބޭއްވުނު ފުރަތަމަ ފަހަރު ކަމަށްވުމާއެކު، ކުޅިވަރުގެ ދާއިރާއަށް މިއީ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.