ކުޅުދުއްފުށި ސިޓީގައި އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ކާމިޔާބުކާމާއެކު ނިންމާލައިފި
27 ޖޫން 2025 - 04:19

ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަހުގެ 21 އިން 26 އަށް ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރޭގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަނަތަކަށް ދިޔަ އެތުލީޓުންނާއި ޓީމުތަކަށް މެޑަލްތަކާއި ޓްރޮފީތައް ހަވާލުކުރެވުނެވެ.
އެތުލެޓިކްސް މީޓް 2025 ގެ އެންމެ ކާމިޔާބު ސްކޫލުގެ މަގާމް ހޯދީ މިލަންދޫ ސްކޫލުންނެވެ. މި މުބާރާތުގައި މިލަންދޫ ސްކޫލުން ވަނީ ހުރިހާ އުމުރު ފުރައެއްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މިލަންދޫ ސްކޫލުން ހޯދީ 133 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔަ ނޮޅިވަރަންފަރު ސްކޫލަށް ލިބުނީ 59 ޕޮއިންޓެވެ. އަންހެން ބައިގެ ޗެމްޕިއަންކަން 108 ޕޮއިންޓާއެކު ހޯދީ ނައިވާދޫ ސްކޫލުންނެވެ.
15 އަހަރުން ދަށުގެ ބައިގައި ފިރިހެން ޗެމްޕިއަންކަން މިލަންދޫ ސްކޫލުން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން އަފީފުއްދީން ސްކޫލުން ހޯދިއެވެ.
17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މިލަންދޫ ސްކޫލުން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ޖަލާލުއްދީން ސްކޫލުން ހޯދިއެވެ. 20 އަހަރުން ދަށުގެ ބައިގައިވެސް ފިރިހެން ބައިގެ ޗެމްޕިއަންކަން މިލަންދޫ ސްކޫލުން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ޖަލާލުއްދީން ސްކޫލުން ހޯދިއެވެ.
މުޅި މުބާރާތަށް ބަލާއިރު، މިލަންދޫ ސްކޫލުން ވަނީ ގިނަ އަދަދެއްގެ މެޑަލްތައް ހޯދައި، އެންމެ ކާމިޔާބު ސްކޫލުގެ މަގާމް ހޯދާފައެވެ. މި މުބާރާތުގައި ގިނަ އަދަދެއްގެ މީޓް ރެކޯޑުތައްވެސް ވަނީ އާކުރެވިފައެވެ.