ދުންފަތް މަނާކުރުމުގެ ބިލު މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި


11 މޭ 2025 - 16:33
2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވަނީ ނިންމަވާފައެވެ.
2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން މަނާ ކުރާ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޝްރަގެވެ.
އިސްލާހުގައި ބުނެފައި ވަނީ ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާ އަދި އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުންވެސް ވަނީ މަނާކޮށްފަ އެވެ. މި އިސްލާހުގައި ވާގޮތުން މިކަމަށް އަމަލު ކުރަން ފެށުން އޮތީ އަންނަ ނޮވެމްބަރުން ފެށިގެންނެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު ރައީސް ވިދާޅުވީ މޯލްޑިވްސް ހެލްތް ސްޓެޓިސްޓިކްސް 2022 އިން ދައްކާ ގޮތުގައި، ރާއްޖޭގައި ގައިންގައިން ނާރާ ބަލި ފެތުރުމަށާއި، ނުކުޅެދުންތެރިކަމަށް ހުށެހެޅޭ އެންމެ ބޮޑު ސަބަބަކީ، ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ. އަދި ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ 84 އިންސައްތައިގެ މީހުންނަކީ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ގައިންގައުން ނާރާ ބަލިތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މިއާއެކު، ޒުވާން އުމުރުފުރާގެ ކުދިން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ގިނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މައްސަލައަށް ހައްލެއް ގެނައުމަށް މިފަދަ ޖެނެރޭޝަނަލް ބޭންއެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިންމަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް
9 މަސް ކުރިން
ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި
9 މަސް ކުރިން