މިއޮތީ ކަންވީ ގޮތް، ހުސެންގެ މިވާހަކަ ކިޔާލާ!
.jpg&w=3840&q=75)

14 މޭ 2025 - 02:09
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރުމުގެ މައްސަލައާއި ހައިކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރާރ ހުސައިން މުހައްމަދު ހަނީފް އާއި ގުޅުވައި އޭނާގެ ބަހެއްނެތި ވާހަކަތަކެއް ފަތުރައިފިއެވެ. ކުންފުންޏެއްގެ އިސް މަގާމެއް ވެސް ދޭން އުޅޭކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފިއެވެ. ސޯޝަލް މީޑިއާގައި ވެސް ހިތައް އެރިހާ އެއްޗެއް ލިޔަނީއެވެ. ހުސެންގެ ފޮޓޯ ވެސް ބޭނުންކޮށްގެން ނުވެސް ދެނެހުރި ''ތަނަކަށް ވައްދައިގެން'' އާޑަފުރައްސާރަ ކުރަނީއެވެ.
މިމަހުގެ 8 ވަނަ ދުވަހު، ހުސެން މީސްމީޑިއާއަށް ދޫކޮށްލި އުދާހުގެ ޕޯސްޓަކުން އެނގި ހާމަވީ އޭނައާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައާއި ގުޅުމެއް ނެތްކަމެވެ. އޭނާ ދެއްވި ބަޔާނަކީ މި މައްސަލަ ޖޭއެސްސީ ނެގުމުގެ މާކުރީން، އެކަމެއް އޭނާ އާއި މެދު ހިނގި ދުވަސްވަރު ދެއްވި ބަޔާނެއްކަމެވެ. ކޮންމެއަކަސް ހަގީގަތް ބެލުމެއްނެތި ނޫސްތަކާއި މީސްމީޑިއާގައި ހުސެންގެ ނަން ބޭނުންކުރުމުން މައުސޫމް މީހެއްގެ އަބުރުގެއްލި ދިޔައީކަމަށް ބުނެވިދާނެއެވެ.
ހުސެން ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ވިދާޅުވެފަވެއެވެ. މި މައްސަލައާއި ގުޅިގެން އޭނާގެ ބަޔާނެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހޯދާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.
ހުސައިން އިތުރަށް ވިދާޅުވެފައިވަނީ، އޭނާ މި މައްސަލައެއް އިސްވެ ޖޭއެސްސީއަށް ހުށަހަޅާފައި ނުވާ ކަމަށާއި، ފަނޑިޔާރުން އެކަހެރި ކުރުމަށްފަހު، ޖޭއެސްސީއަށް އޭނާ ހާޟިރުވާން އެންގީ ރަމަޟާން މަހުގެ މެދު ދިހައިގެ ދުވަހެއްގައި ކަމަށެވެ. އަދި އޭނާ ދެފަހަރުމަތިން ހެކިބަސް ދީފައިވަނީ ހެކިބަހަކަށް ގޮވާލުމުން ފަސްނުޖެހޭން ވެގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ހުސައިން އިތުރަށް ފާހަގަކުރައްވާފައިވަނީ، އޭނާ އަދިވެސް ހުރީ ހައިކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރާރގެ މަޤާމުގައި ކަމަށާއި، މި މަޤާމަށް މީހުން ޢައްޔަނުކޮށް ވަކިކުރަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމަށެވެ. އަދި ޖޭއެސްސީން އެއްވެސް ކަމަކާމެދު ވާހަކައެއް ދައްކަން ބުނީމާ ނުގޮސް، ދެކޮޅު ހެދުމަކީ ކުރެވޭނެ ކަމެއްކަމަކަށް އޭނާއަށް ޤަބޫލެއް ނުކުރެވޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ހުސައިން ނަފީކުރައްވާފައިވަނީ، އޭނާ ހެކިބަހެއްދީ އޭގެ މުޤާބިލުގައި އެއްވެސް ކަމެއް ހޯދައިގަތްކަމަށް ނޫސްތަކުން ޚަބަރު ލިޔެފައިވާ ވާހަކައެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާއަށް އެއްވެސް އޮފަރެއް ދީފައިނުވާ ކަމަށާއި، އެފަދަ ހާލަތެއްވެސް ނެތްކަމަށް ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހުސައިންގެ ނަން ބޭނުންކޮށްގެން ނޫސްތަކާއި މީސްމީޑިއާގައި ފަތުރާފައިވާ ޚަބަރުތަކުގެ ސަބަބުން މައުސޫމް މީހެއްގެ އަބުރު ގެއްލިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
''އަޅުގަނޑާމެދު ޔަގީންކަން ބެހެއްޓެވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. މިޖެހުނު ކަމަކާހުރެ ވަރަށް ގިނަ މީހުން ފެއަށް ޖެހިއްޖެއެވެ. ދާއިރާގެ މުޙްތަރަމް ބޭބޭފުޅުންގެ ނުރުހުންވެސް އަމާޒުވެއްޖެއެވެ. މި ދިމާވެގެން އުޅޭ މައްސަލައިގައި އަޅުގަނޑުގެ ބަހެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހޯދީ 2022ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އެކަންތައް ދިމާވިތާ ހަމަ ކައިރީގައެެވެ. އެފަހުން އެކަމުގެ ޚަބަރެއް ނެތި އޮއްވައި އަޅުގަނޑަށް އިނގުނީ މި ކަމުގައި ހިމެނޭ 3 ފަނޑިޔާރުން މަސައްކަތުން އެކަހެރި ކުރި ވާހަކައެވެ. އެއީ އަޅުގަނޑު މަންމަގެ ބޭހަށް އިންޑިއާއަށް ގޮސް ހުއްޓައެވެ. މިހިސާބަށް އައިއިރުވެސް މި މައްސަލައެއް އަޅުގަނޑު އިސްވެ ޖޭއެސްސީއަކަށް ހުށައެއް ނުއަޅަމެވެ. މިފަހުން ފަނޑިޔާރުން އެކަހެރި ކުރުމަށްފަހު، ޖޭއެސްސީއަށް އަޅުގަނޑު ޙާޟިރުވާން އެންގީ ރަމަޟާން މަހުގެ މެދު ދިހައިގެ ދުވަހެއްގައެވެ. އަޅުގަނޑު އެފަހަރުވެސް ގޮސް މައްސަލައާގުޅޭ ގޮތުން އެބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑުގެ ހަނދާނުގައި ހުރި މިންވަރަކުން ޖަވާބު ދިނީމެވެ. މިދެފަހަރުވެސް ހެކިބަސްދިނީ ހެކިބަހަކަށް ގޮވާލުމުން ފަސްނުޖެހޭން ވެގެންނެވެ. ރަނގަޅު ގޮތަކީ އެއީއެވެ. އެކަމަކު އެއީ ދެކޮޅަށް ނުވަތަ އެއްކޮޅަށް ދިން ބަހެެއްތޯ އެކަން ނިންމުމުގެ މަސްއޫލިއްޔަތާ މަތިވެ އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަނަކުން ނިންމިހެނެއް ހިޔެއް ނުވެއެވެ. ސުޕްރީމް ކޯޓުގެ ޢިއްޒަތްތެރި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ފޮނުވި ފޮނުވުމަކީ އަޅުގަނޑާ ހިނގި މުޢާމަލާތަކާގުޅޭ ގޮތުން އެޅި ފިޔަވަޅެއްކަން ޢާއްމުވެގެން އުޅޭ ރިޕޯޓަކުންވެސް އެނގޭކަށް ނެތެވެ. އަނެއްކޮޅުން، އަޅުގަނޑު އަދިވެސް މިހުރީ ހައިކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރާރގެ މަޤާމުގައެވެ. އެއީ ޤާނޫނުން ބާރު ލިބޭ، ހައިކޯޓު ޤަވާޢިދުން ބާރު ލިބޭ މަޤާމެކެވެ. މިމަޤާމަށް މީހުން ޢައްޔަނުކޮށް ވަކިކުރަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. ވީއިރު، ޖޭއެސްސީން އެއްވެސް ކަމަކާމެދު ވާހަކައެއް ދައްކަން ބުނީމާ ނުގޮސް، ދެކޮޅު ހެދުމަކީ ކުރެވޭނެ ކަމެއްކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. އަނެއްކޮޅުން، ހެކި ބަހަކަށް ގޮވާލުމުން ފަސް ނުޖެހުމަށް އޮތް އަމުރުފުޅު ކީރިތި ޤުރުއާނުގައި އެބައޮތެވެ. އެކަމަކު، ޖޭ.އެސް.ސީއަށްވެސް އަދި އެހެން ފަރާތަކަށްވެސް ނުކުރެވޭނެ ކަމަކީ އަޅުގަނޑު ލައްވައި ދޮގެއް ހެދުމެވެ. ހަޤީޤަތް އޮޅުވައިލުމެވެ. އެއީ ހަމަ އިންޝާ ﷲ ނުކުރާނެ ކަމެކެވެ. އަޅުގަނޑު ހެކިބަހެއްދީ އޭގެ މުޤާބިލުގައި ކަމެއް ހޯދައިގަތްކަމަށް ނޫސްތަކުން ޚަބަރު ލިޔުނު އިރު، އަޅުގަނޑުގެ ބަހެއް ހޯދަން މެސެޖެއްވެސް ކޮށްލީ ސަން އޮންލައިން އިން ސާއިލު ކިޔާ ބޭފުޅަކު އެކަންޏެވެ. ކަންދިމާވި ގޮތުން އެ މެސެޖު ނުފެނި އޮއްވައި އޭނާ ޚަބަރު ޖަހައިފިއެވެ. މި މައްސަލައާގުޅިގެން އަޅުގަނޑަށް ދިން އޮފަރ އެއް ނެތެވެ. ދޭން ޖެހޭ ފަދަ ޙާލަތެއްވެސް ނެތެވެ. އަޅުގަނޑު މިމަޤާމުގައި 4 އަހަރަށްވުރެ ގިނަ ދުވަސްވީއެވެ. އެހެން ވަޒީފާއަކަށް ދިއުމަށް އެކި ތަންތަނަށް ހުށަހަޅާތާ ކިތަންމެ ދުވަހެކެވެ. وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ'' ހުސެންގެ ޕޯސްޓް
ހުސެންގެ މިހާރު ހުންނެވީ ހައިކޯޓުގެ މަގާމުގައި ނޫންކަމަށް ''އަިތުބާރު'' ހުރި މަސްދަރާއި ހަވާލާދީ ބައެއް ފަރާތްތަކުން ޚަބަރު ފެތުރިއެވެ. އެއީ ވެސް ދޮގެކެވެ. ދެން އޮތީ ކުންފުންޏެއްގެ ލީގަލް އިސް މަގާމަކަށް ދާ ވާހަކައެވެ. ވަޒީފާ އެއް ހޯއްދަވަން ހުސެން އަތްފުނާ އަޅުއްވާތާ އެތައް ދުވަހެއްވެއްޖެކަން މި ޕޯސްޓުން އެނގެއެވެ. އެކަމަކު އަދި އެކަން ހަމަޖެހުނީއެއް ވެސް ނޫނެވެ. އެހެނަސް އެކަން ވެސް މިއޮތީ ކަމާގުޅުންނެތް ކަމަކާއި މަތިކޮށް ދޮގު ފަތުރާފައެވެ.
''އުސްތާޛު ޙަނީފަކީ ޢިލްމީ ގޮތުން ޤާބިލު، ނަޒާހަތްތެރި ބެއިފުޅެކެވެ. މިއަދު ދިވެހިރާއްޖޭގެ މީޑިއާ އަކީ ދޮގު ހަދައި ދޮގު ފެތުރުމާއި، ތަޢައްޞުބީ ގޮތްގޮތަށް ލިޔުންތައް ލިޔުމާއި، ނޫސްވެރިކަމުގެ އެއްވެސް ޢިލްމީ މިންގަނޑެއް އަދި އަޚްލާޤީ މިންގަނޑެއް ނުބަލައި ހިތުހުރި ގޮތަކަށް މީހުންގެ އަބުރު ކަތިލާ ފަސާދައެކެވެ. އެ ފަސާދައިގެ އަނިޔާ އުސްތާޛަށް ވެސް ލިބިވަޑައިގަތީތީ ހިތާމަ ކުރަމެވެ. އެއީ އަޅުގަނޑުމެން ވެސް ވަރަށް ބޮޑަށް ތަޙައްމަލު ކުރަމުން ދާ އަނިޔާއެކެވެ. އެކަމަކު ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެން ވަނީ ދޮގުވެރީންނާ އެއްކަކު ނޫނެވެ.ޕީއެސް. ޝެއަރ ކުރެވޭނެ ގޮތެއް ހައްދަވައިދެއްވުން އެދެން.'' ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރ އަހްމަދު މާޖިދު ހުސެންނާއި މެދު ލިޔުއްވާފަވެއެވެ.