ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުން މަހާޒް އަދި އަޒްމިރަލްދާ ވަކިކުރަން ފާސްކޮށްފި

.jpg&w=3840&q=75)
14 މޭ 2025 - 06:49
ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުން މަހާޒް އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމީ އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައި، އެ ފަނޑިޔާރުން ވަކިކުރަން އެ ކޮމިޝަނުން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމުމުންނެވެ.
އެގޮތުން ޖޭއެސްސީން ބެލި ސުލޫކީ މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެވެ.
މި މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމީ، ޖޭއެސްސީން މި މައްސަލައިގައި ޢަމަލުކުރީ ޤާނޫނީ ޢިޖުރާތުގެ ތެރެއިން ކަމަށެވެ،. އަދި އެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް އިއްޔެ މައްސަލަ އެ ކޮމެޓީން ވަނީ ފޮނުވާފައެވެ.
އެގޮތުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ވަކިވަކިން ނެގި ވޯޓުގައި، ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރުމަށް ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. އަޒްމިރަލްދާ ވަކިކުރުމާ ދެކޮޅަށް 11 މެންބަަރަކު ވޯޓު ދެއްވިއިރު، ފަނޑިޔާރު މަހާޒް ވަކިކުރުމަށް ފާސްކުރީ ވެސް 68 މެންބަރުންގެ ވޯޓުންނެވެ. އަދި ފަނޑިޔާރު މަހާޒް ވަކިކުރުމާ ދެކޮޅަށް ވެސް 11 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ވެރިކަމުގައި ވެސް މުޅި ޖުމްލަ ތިން ފަނޑިޔާރަކު ވަނީ ވަކިކޮށްފައެވެ.