ދުންފަތުގެ އިސިސްތިއުމާލު ނުކުރާ ޖީލެއް އުފެއްދުމަށް ސަރުކާރުން އެޅި ފިޔަވަޅަށް ޑަބްލިޔުއެޗްއޯގެ ތައުރީފް


14 މޭ 2025 - 17:09
ރާއްޖޭގައި ދުންފަތުގެ އިސިސްތިއުމާލު ނުކުރާ ޖީލެއް އުފެއްދުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅަށް ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ތައުރީފުކޮށްފިއެވެ. މި ފިޔަވަޅަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ އަދި މުހިއްމު ފިޔަވަޅެއްކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ 2007 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ފާސްކޮށްފައެވެ. މި އިސްލާހު ފާސްކުރެވުނީ 63 މެންބަރުންގެ ވޯޓާ އެކުގައެވެ.
ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި މިއީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެކެވެ. އަދި މިއީ މުސްތަގުބަލުގައި ދުޅަހެޔޮ، ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް އުފެއްދުމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާގެ ސަރަހައްދުގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ޤައުމެވެ.
ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި 2025 ވަނަ އަހަރުގެ މާރިޗު 27 ވަނަ ދުވަހުއެވެ.
މި އިސްލާހާ އެކު، 2007 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން 2024 ވަނަ އަހަރު ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. އަދި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރު 15 ނޮވެމްބަރު 2025 އިން ފެށިގެން 21 އަހަރަށް ވަނީ ބަދަލުކޮށްފައެވެ.
މި ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން، ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން، ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި ހިލޭ ބަހައިފި ނަމަ 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. ޚާއްޞަކޮށް، އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000 ރުފިޔާއަށް އިތުރުވާނެއެވެ.
މި ހުރިހާ ފިޔަވަޅުތަކަކީ ރާއްޖޭގެ ޒުވާން ޖީލު ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. ސަރުކާރުގެ މި މަސައްކަތަށް ޑަބްލިޔުއެޗްއޯގެ ތައުރީފު ލިބުމަކީ މި މަސައްކަތުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ދުޅަހެޔޮ، ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް އުފެދިގެން ދާނެއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
އަހަރެއް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
އަހަރެއް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
އަހަރެއް ކުރިން