ކުޅިވަރާބެހޭ ވަޒީރު ޗައިނާގެ ސަފީރާއި ބައްދަލުކޮށްފި
15 މޭ 2025 - 09:03

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންވާއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވިފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ކުޅިވަރުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކުގައި ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ހޯދިދާނެ އިތުރު ފުރުސަތުތަކަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައިވެއެވެ.

Ad by Hajj Corporation
ބައްދަލުވުމުގައި ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކާއި، ތަމްރީނު ޕްރޮގްރާމުތަކާއި، އަދި މިނޫންވެސް ކުޅިވަރު ފުޅާކުރުމަށް ރާއްޖޭގައި ކުރެވިދާނެ އެހެނިހެން ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ކުޅުންތެރިންނަށް އިތުރު ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ދެ ޤައުމުގެ އެތުލީޓުން ބަދަލުކުރުމުގެ ޕްރޮގްރާމުތައް ހިންގުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޗައިނާއަކީ ރާއްޖޭގެ ކުޅިވަރު ދާއިރާގައި އެކި ރޮނގުރޮނގުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެއް ކަމެވެ. މިގޮތުން ކުޅިވަރު ވަސީލަތްތައް ފޯރުކޮށްދިނުމާއި، ރާއްޖޭގެ އެކި ކުޅިވަރުތަކުގައި ޗައިނާގެ ކޯޗުން މެދުވެރިކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ޤައުމުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.