logoEN
ކުޅިވަރު

ބާސެލޯނާއިން 28 ވަނަ ފަހަރަށް ލީގުތަށި އުފުލާލައިފި

ބާސާ ވަނީ ލަލީގާ ތަށި 28 ވަނަ ފަހަރަށް ކާމިޠާބުކޮށްފައި

ބާސާ ވަނީ ލަލީގާ ތަށި 28 ވަނަ ފަހަރަށް ކާމިޠާބުކޮށްފައި

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

16 މޭ 2025 - 05:48

ކެޓަލަން ޑާބީގައި އެސްޕަންޔޯލް 2-0 އިން ބަލިކޮށް، ބާސެލޯނާއިން ލަލީގާގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މި ކާމިޔާބީއާއެކު ހެޑް ކޯޗް ހާންސި ފްލިކްގެ ފުރަތަމަ ސީޒަންގައި ލީގާއާއި ކޯޕާ ޑެލް ރޭއާއި ސްޕެނިޝް ސުޕަރ ކަޕާއެކު ބާސެލޯނާވަނީ ޖުމްލަ 3 ތަށްޓެއް ހޯދާފައެވެ.

ބާސެލޯނާގެ 17 އަހަރުގެ ޔަމާލް، އޭނާގެ ކެރިއަރުގައި ދެވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ރޭގެ މެޗުގެ 53 ވަނަ މިނެޓުގައި އޭރިޔާގެ ބޭރުން ޖެހި ރީޓި ޝޮޓަކުން ޔަމާލް ވަނީ ބާސެލޯނާގެ ފުރަތަމަ ލަނޑު ޖަހާފައިވާއިރު، ރޭގެ މެޗުގެ ފަހުގަޑީގައި ފަރމިން ލޮޕޭޒް ޖެހި ގޯލުގައިވެސް އެސިސްޓް ހަދާފައިވަނީ ޔަމާލް އެވެ. މިއާއެކު ލީގުގައި 8 ގޯލާއި 13 އެސިސްޓް ހަދާފައިވެއެވެ.

ރޭގެ މެޗުގެ ފަހު 10 މިނެޓަށް ވެފައިވަނިކޮށް ޔަމާލް އަށް ކުރި ފައުލަކާއި ގުޅިގެން އެސްޕަންޔޯލްގެ ލެއަންޑްރޯ ކަބްރެރާ އަށް ރަތްޚާޑު ދެއްކުމާއި ހަމައަށް އެސްޕަންޔޯލް އިން ވަނީ މޮޅުކުޅުމެެއް ދައްކައި ގިނަ ހަމަލާތަކެއް ބާސެލޯނާގެ ގޯލަށް ފޮނުވާލާފައެވެ.

ރޭގެ މޮޅާއެކު ބާސެލޯނާއިން ވަނީ މިދިޔަ އަހަރުގެ ލަލީގާ ޗެންޕިއަންކަން ދިފާއުކުރަންނިކުތް ރެއަލް މެޑްރިޑްގެ އަތުން ޗެމްޕިއަންކަން އަތުލާފައެވެ. ނިމިދިޔަ މަހު ކޯޕާ ޑެލް ރޭގެ ފައިނަލްގައިވެސް ބާސެލޯނާއިން ވަނީ ރެއަލް މެޑްރިޑް ބަލިކޮށްފައެވެ.

ލީގުގައި ބާސެލޯނާއަށް ބާކީ ދެމެޗު އޮތްނަމަވެސް، ލީގު ކާމިޔާބު ކުރުމާއެކު އެޓީމުން މިސީޒަނުގައި ވާދަކުރާ ހުރިހާ މުބާރާތްތައް ނިމުނީއެވެ.

ކޮމެންޓް

871x217_placeholder