ހުޅަނގުގެ ތިން ބާރަކުން ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފި
20 މޭ 2025 - 06:13

ޣައްޒާ ގަތުލުއާއްމު ހުއްޓައިލުމަށް އިންކާރު ކުރަމުންދާ ނަމަ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހުޅަނގުގެ ތިން ބާރަކުން އިސްރާއީލަށް ދީފިއެވެ.
އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތުގެ އިތުރުން ކެނެޑާއިން މިފަދައިން އިންޒާރު ދީފައިވާއިރުވެސް ޔަހޫދީން އަންނަނީ މުޅި ޣައްޒާއަށް ވެރިވެގަންނާނެކަމަށް ބުނަމުންނެވެ.

Ad by Hajj Corporation
ހިސާރުކޮށްފައި އޮތް ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ވެއްދުމަށް ހުރަސް ނޭޅުމަށް ގޮވާލާ އަޑުތައް ގަދަވެފައިވަނިކޮށް މި ތިން ގައުމު ހިމެނޭހެން އިތުރު 20 ގައުމަކުން ވަނީ އުދުވާން ފުޅާ ކުރުން ހުއްޓާލައި ޣައްޒާގެ ހިސާރު އުވާނުލާނަމަ ވަރުގަދަ ފިޔަވަޅުތަކެއް ޔަހޫދީންނާ ދެކޮޅަށް އަޅާނެކަމަށް ބުނެފައެވެ.
މިހާރު ޔަހޫދީން އަންނަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް "މިހާތަނަށް ނުދެކޭފަދަ" ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވަމުންދާކަމަށް ބުނެ އެ ސަހަރު ހުސްކުރުމަށް އަންގަމުންނެވެ. މި އިންޒާރު ދިން ފަހުން ރޭ މެންދަމުން ފެށިގެން މިއަދު މެންދުރާ ހަމައަށް 50 އަށްވުރެ ގިނަ މީހުން ވަނީ ޝަހިދުކޮށްލާފައެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި އިސްރާއީލުގެ ހަނގުރާމައިގައި މިހާތަނަށް 53،475 މުސްލިމުން ޝަހީދުވެ 121،398 މީހުން ވަނީ ޒަޚަމްވެފައެވެ.
ހަމަލާތަކާ ގުޅިގެން ހަމާސްއިން ބުނީ ޔަހޫދީން ޣައްޒާގެ ހޮސްޕިޓަލްތަކާއި ކާބޯތަކެތި ރައްކާކުރާ ގުދަންތަކާއި ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ކޭމްޕްތަކަށް ދެމުންދާ ހަމަލާތަކުގެ ޒިންމާ ނަގަންޖެހޭނީ އެމެރިކާއިންކަމަށެވެ. އެމެރިކާއިން އިޒްރޭލަށް ދެމުންދާ ސިޔާސީ އަދި އަސްކަރީ އެހީތެރިކަމަކީ މި ހަމަލާތަކަށް މަގުފަހިކޮށްދޭ ކަމެއް ކަމަށްވެސް ހަމާސްއިން ފާހަގަކޮށްފައިވެއެވެ.