logoEN
ޚަބަރު

2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރެވޭ ބިލު ރައީސް ތަސްދީގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބިލަށް ގެނައި އިސްލާޙް ތަސްދީޤުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބިލަށް ގެނައި އިސްލާޙް ތަސްދީޤުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް، ދުންފަތް މަނާކުރުމާ ބެހޭ ޤާނޫނަށް ގެނައި ދެވަނަ އިސްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

15/20100, ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމަށް ހުށަހެޅުނު މި ބިލަކީ 1 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ނިންމެވުމާ ގުޅިގެން، އެ ކެބިނެޓު ބައްދަލުވުމަށް ފަހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެކެވެ.

މި މަހުގެ 11 ވަނަ ދުވަހު، މަޖިލީހުން މި ބިލު ފާސްކުރިއިރު، މި ބިލު މަޖިލީހުން ފާސްކޮށްފައިވަނި ޖުމްލަ 63 މެންބަރުންގެ ވޯޓުންނެވެ.

މި އިސްލާހުގައި ބުނެފައި ވަނީ ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާ އަދި އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުންވެސް ވަނީ މަނާކޮށްފައެވެ. މި ބިލު މިއަދު ރައީސް ތަސްދީގު ކުރެއްވި ނަމަވެސް، ބިލެއްގެ ގޮތުގައި މި ބިލަށް ޢަމަލުކުރަން ފަށާނީ މި އަހަރުގެ ނޮވެމްބަރުން ފެށިގެންނެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ނިންމަވާފައިވާކަން އެންމެ ފުރަތަމަ ރައީސް އިއުލާންކުރެއްވީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުގެ އެކި މަސައްކަތްޕުޅުގެ މަޢުލޫމާތު ހިއްސާކުރާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ރައީސް އޭރު ވިދާޅުވީ، ޖެނެރޭޝަނަލް ބޭންއެއް ގެނައުމަށް ނިންމަވާފައިވަނީ 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ކަމަށެވެ.

އަދި އެކަމުގެ މަޝްވަރާތައް ކެބިނެޓުގައި ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް އޭރު ވިދާޅުވިއެވެ.

އޭގެ ފަހުން އެކަމާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް، އެމަނިކުފާނުގެ ސޯޝަލް މީޑީޔާ ޕްލެޓްފޯމުތަކުގައި ވެސް ޕޯލްއެއް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

ކޮމެންޓް

871x217_placeholder