logoEN
ޚަބަރު

ލިވަޕޫލް އެފްސީއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަޝްވަރާކޮށްފި

ހުސައިން ވަސީމްހުސައިން ވަސީމް

22 މޭ 2025 - 07:50

ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ އިސްވެރިންނާ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް ބައްދަލުކުރައްވާ ކުރިއަށް އޮތް ސީޒަނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ލިވަޕޫލް އެފްސީއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކޮށް، އެ ކްލަބުގެ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ލިވަޕޫލް އެފްސީގެ 'ދަ ރެޑް ވޭ' އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.

ބައްދަލުވުމަށްފަހު މިނިސްޓަރ ތޯރިގް ވިދާޅުވީ، "ލިވަޕޫލް އެފްސީގެ ވަފުދާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. ކުރިއަށް އޮތް ސީޒަނުގައި ވުޒާރާއާއި ލިވަޕޫލް އެފްސީ ގުޅިގެން ކުރާނެ މަސައްކަތްތަކާ ބެހޭގޮތުން ވަރަށްފުޅާކޮށް މަޝްވަރާކުރި ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަމަށް ބެލެވެއެވެ.

އިނގިރޭސި ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖައްސައި، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ކެމްޕޭން ފެށީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު އެވެ.

މި ކެމްޕޭނަކީ ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމެވެ.

މި ކެމްޕޭންގެ ދަށުން، ލިވަޕޫލްގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާންތަކާއި، ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން ފެންނާނެއެވެ.

މީގެ އިތުރުން، ލިވަޕޫލްގެ ރަސްމީ ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވެސް ރާއްޖެ ޕްރޮމޯޓްކުރާނެއެވެ. އަދި ޔޫރަޕްގެ މުހިއްމު މާކެޓުތަކުގައި ބިލްބޯޑުތަކުން ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ވެސް ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފައިވާ ގޮތުގައި، މި ކެމްޕޭންގެ ސަބަބުން ރާއްޖެއަށް އަލަށް 100،000 ޓޫރިސްޓުން އަރިސްޓުން އަންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި 2.5 މިލިއަން ޑޮލަރު އިންވެސްޓްކުރާ މި ކެމްޕޭނުން 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް އަންދާޒާ ކުރެވެއެވެ

ކޮމެންޓް

871x217_placeholder