ޣައްޒާއިން ތެޔޮ ހުސްވެ، ޞިއްހީ ނިޒާމު ހުއްޓިދާނެ ކަމުގެ ބިރު


23 މޭ 2025 - 12:28
ފަލަސްޠީނުގެ ޣައްޒާއިން ތެޔޮ ހުސްވުމާ ގުޅިގެން އެމްބިޔުލާންސްގެ ޚިދުމަތްތައް ހުއްޓައިލުމަށް ޖެހިދާނެ ކަމުގެ ބިރު އެތަކެއް ގުނައަކުން އިތުރުވެފައިވާ ކަން ޕަލަސްޓީނިޔަން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރްސީއެސު)ން ހާމަކޮށްފިއެވެ. ޣައްޒާގައި ދިރިއުޅޭ 2.1 މިލިޔަނެއްހާ މީހުންނަށް އެމްބިޔުލާންސްގެ ޚިދުމަތް ދިނުމަށް ޕީއާރްސީއެސުން ބޭނުން ކުރާ އުޅަނދުފަހަރުގެ ތެރެއިން މި ވަގުތު ބޭނުން ކުރަމުން ދަނީ ތިންބައިކުޅަ އެއްބައި އުޅަނދެވެ.
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ކުރިއަށް ގެންދާ ނަމަ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ ސަހަރުގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވެ، ހުއްޓުމަކަށް އައުމުގެ ބިރު އޮތް ކަމަށް ބުނެ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ އިންޒާރުވެސް ކޮށްފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޢުދުވާނާ ގުޅިގެން އެ ސަހަރުގެ 2.1 މިލިޔަނެއްހާ މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ސާމާނު ވަނީ ހުސްވެފައެވެ.
ޕީއާރްސީއެސްގެ ރައީސް ޔޫނުސް އަލް-ޚަޠީބު ވިދާޅުވީ، އެމްބިޔުލާންސްތަކަށް ދީފައިވާ ގެއްލުންތަކުގެ އިތުރުން ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނާއި ތެޔޮ ހުސްވަމުން ދިޔުމާ ގުޅިގެން އެމްބިޔުލާންސްގެ ޚިދުމަތަަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. އަދި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ ޚިދުމަތް މުޅިން ހުއްޓައިލަން މަޖުބޫރުވުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ."ވަކި މުއްދަތެއް ދަންނަވާކަށް ނޭނގޭ. މަދު ދުވަސްކޮޅަކަށް ވެސް ވެދާނެ. އަޅުގަނޑުމެންގެ އަތުގައި ހުރި ތެޔޮ ދަނީ ހުރަސްވަމުން. މި ވަގުތު ބޭނުން ކުރަމުން ދަނީ އެމްބިޔުލާންސްތަކުގެ ތެރެއިން އެންމެ ތިންބައިކުޅަ އެއްބައި،" ޚާޠީބް ވިދާޅުވިއެވެ. ޕެޓްރޯލް ބޭނުން ކޮށްގެން ދުއްވާ އެމްބިޔުލާންސްތަކުގެ ޚިދުމަތް މިހާރު ވެސް ހުއްޓައިލާފައިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، މި ވަގުތު ޚިދުމަތް ދިނުމަށް ބޭނުން ކުރަނީ އަވިން ހަކަތަ އުފައްދައިގެން ދުއްވާ އެމްބިޔުލާންސްތައް ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ، އެކުވެރި ދައުލަތްތައް (އދ)ން ފޯރުކޮށްދީފައިވާ އުޅަނދުތަކެކެވެ.
އެމެރިކާއާއި ގުޅިގެން ޔަހޫދީން ރާވާފައި އޮތީ ޣައްޒާގައި ބޮޑު ހަ ކޭމްޕު ނުވަތަ ޖަލު ޤާއިމު ކުރުމަށެވެ. އަދި، ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ޖަލުތަކަށް މަޖުބޫރުން ބަދަލު ކުރުމަށެވެ. އެއިން ކޮންމެ ޖަލަކަށް 5,000 އާއި 6,000 އާ ދެމެދުގެ އަދަދެއްގެ ޢާއިލާތައް ބަދަލު ކުރުމަށް ޔަހޫދީން އޮތީ ރާވާފައެވެ. އެ ޖަލުތަކުގެ ކޮންޓުރޯލު އޮންނާނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންގެ ކިބައިގައެވެ. އަދި، ޣައްޒާގައި އެކި ސަރަޙައްދުތަކުގައި އެހީ ބެހުމަށް ޚާއްޞަ ކޮށްފައިވާ މަރުކަޒުތަކެއް ޔަހޫދީ ފައުޖުން ޤާއިމު ކުރާނެއެވެ.
އިތުރު ލިޔުންތައް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެއެއްބަސްވުން ކުރިއަށް ދަނިކޮށް 40 މީހުން ޝަހީދު ކޮއްލައިފި
5 މަސް ކުރިން
ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރަން އަމުރުކޮށްފި
3 މަސް ކުރިން
އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން ޔަހޫދީން ހުއްޓުވައިފި
3 މަސް ކުރިން