logoEN
ޚަބަރު

14 ރުފިޔާގެ ޗޮކުލެޓެއް ވަގަށް ނެގުމުން 15 ދުވަހަށް ބަންދުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

27 މޭ 2025 - 16:23

މާލޭގައި ހުންނަ 'ރެޑްވޭވް ޕްލާޒާ' އިން 14 ރުފިޔާއަށް ވިއްކާ ޗޮކުލެޓެއް ވަގަށް ނަގައި ކެއުމުގެ މައްސަލައިގައި ދިވެހި ފިރިހެނަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ހދ. ހަނިމާދޫ، ޒަވާދަވިއު، އުމުރުން 37 އަހަރުގެ ޝުރައިޚު ޝަރީފެވެ. އޭނާގެ މައްޗަށް ކުރެވިފައިވަނީ ވައްކަންކުރުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުންގެ ހާދިސާ ރިޕޯޓުން އެނގޭ ގޮތުގައި، ޝުރައިޚު ވަނީ 'ރެޑްވޭވް ޕްލާޒާ' އިން 'ސްނިކާސް' ބްރޭންޑުގެ 50 ގްރާމްގެ ޗޮކުލެޓެއް ވަގަށް ނަގައި، އެ ކާލުމަށްފަހު އޭގެ ކަރުދާސްގަނޑު ޖީބަށް ލާފައެވެ. މި މަންޒަރު ފިހާރައިގެ ސީސީޓީވީ ކެމެރާއިން ފެނުމާ ގުޅިގެން، ފިހާރައިގެ މުވައްޒަފުން ވަނީ އޭނާ ހުއްޓުވައި ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން، ޝުރައިޚުއަކީ ކުށުގެ ރެކޯޑު އޮތް ފަރާތެއް ކަމަށާއި، މިއަހަރު ތެރޭގައި ވެސް ތިން ފަހަރެއްގެ މަތިން ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ހިމެނޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީއެވެ.

މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ކަންހިނގައިދިޔަ ގޮތް ބަޔާންކޮށް ކުށުގެ ވެށްޓަށް ހާޒިރުވި ފުލުހުންގެ ހާދިސާ ރިޕޯޓު އެކަންޏެވެ.

ޝުރައިޚު ވަނީ އެއީ 14 ރުފިޔާއަށް ދޭ ޗޮކުލެޓެއް ކަމުން ގިނަ ދުވަހަށް ބަންދުނުކުރުމަށް އެދިފައެވެ. ނަމަވެސް، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޮމެންޓް

871x217_placeholder