logoEN
ޚަބަރު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 16 އަހަރު

ސުޕްރީމް ކޯޓުގެ ޝަރީޢަތްކުރާ މާލަމް / ފޮޓޯ: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ޝަރީޢަތްކުރާ މާލަމް / ފޮޓޯ: ސުޕްރީމް ކޯޓު

މެންދުރު ޓީމްމެންދުރު ޓީމް

18 ސެޕްޓެމްބަރު 2024 - 04:37

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޤާއިމުކުރެވުނުތާ މިއަދަށް 16 އަހަރު ފުރިއްޖެއެވެ. ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓެއް ޤާއިމުކުރެވުނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ ދަށުން 18 ސެޕްޓެމްބަރު 2008 ގައި, ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ވަކިކުރުމުގެ ގޮތުންނެވެ. މިއީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓެވެ. މި ކޯޓުން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތަކެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފުރަތަމަ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަންކުރެވުނީ 5 ބޭފުޅުންނެވެ. އެއީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރުންގެ ގޮތުގައި އޮނަރަބަލް އަލްއުސްތާޛް މުޖުތާޛު ފަހްމީ، އޮނަރަބަލް އަލްއުސްތާޛް ޔޫސުފު ޙުސައިން، އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފު އަދި އޮނަރަބަލް އަލްއުސްތާޛް އަޙުމަދު ފާއިޒު ޙުސައިންއެވެ.

ފާއިތުވި 16 އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ގިނަ މުހިންމު މައްސަލަތަކެއް ބަލައި ނިންމާފައެވެ. އަދި ޤާނޫނީ ދާއިރާއަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވެއެވެ.

ޤާނޫނު ނަންބަރު 2019/6 (ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 (ހަތެއް) ފަނޑިޔާރުން ކަމުގައި ހަމަޖެހުނެވެ. މި ބަދަލާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިވަގުތު ތިއްބެވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު އޮނަރަބަލް ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު އޮނަރަބަލް ޑރ. މުޙައްމަދު އިބްރާހީމްއެވެ.

ސްޕްރީމް ކޯޓުގެ ޚިދުމަތަށް 16 އަހަރު ފުރުމާ ގުޅިގެން, 22 ސެޕްޓެމްބަރު 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގައި ޢާންމު ފަރާތްތަކަށް ކޯޓަށް ޒިޔާރަތް ކުރުމުގެ ފުރުޞަތުދީ ހުޅުވާލެވިފައިވެއެވެ. އެގޮތުން ކޯޓާގުޅޭ ކަންކަން ބަލާލުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 7258392 ފޯނަށް 19 ސެޕްޓެމްބަރު 2024 ވާ ބުރާފަތި ދުވަހުގެ 13:30 ގެ ކުރިން މެސެޖްކޮށް ނަންނޯޓު ކުރަންވާނެކަމަށް އެ ކޯޓުން މަޢުލޫމާތު ދީފައިވެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder