logoEN
ޚަބަރު

މެންބަރުން ވަކިކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމު ކޯޓަށް

ސުޕްރީމު ކޯޓު: ގާނޫނު އަސާސީއަށް ގެނައި ހަވަނަ އިސްލާހު ބާތިލްކުރުމަށް އެ ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފައި -- ފޮޓޯ: މިހާރު

ސުޕްރީމު ކޯޓު: ގާނޫނު އަސާސީއަށް ގެނައި ހަވަނަ އިސްލާހު ބާތިލްކުރުމަށް އެ ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފައި -- ފޮޓޯ: މިހާރު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

24 ނޮވެމްބަރު 2024 - 05:19

ހުސްވި ބުދަ ދުވަހު ގާނޫނު އަސާސީއަށް ގެނައި ހަވަނަ އިސްލާހު ބާތިލްކުރަން ސުޕްރީމު ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު ޢަލީ ޙުސައިންއެވެ.

އެކަން ހާމަކުރައްވަމުން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޢަލީ ވިދާޅުވީ، ގާނޫނޫ އަސާސީއަށް ގެނައި 6 ވަނަ އިސްލާހަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާއާއި، އަށް ވަނަ މާއްދާ އާއި، 26، 75 އަދި 90 ވަނަ މާއްދާއާ ޚިލާފަށް އަދި މުޅި ގާނޫނު އަސާސީގެ އޮނިގަނޑާ ޚިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. އެހެން ކަމުން އެ އިސްލާހު ބާތިލްކުރުމަށް ސުޕްރީމު ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމުގައި އަލީ ވިދާޅުވިއެވެ.

View post on Twitter

ޖުމްހޫރީ ޕާޓީގެ ފަރާތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އަދާކުރެއްވި އަލީ ހުސައިން އެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅިއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވެސް އެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅުމާ މެދު މަޝްވަރާކުރަމުންދާ ކަމުގައި އެ ޕާޓިގެ ޗެއާޕާސަން ފައްޔާޒް އިސްމައީލް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ގާނޫނު އަސާސީއަށް ގެނައި ހަވަނަ އިސްލާހުގައި ވަނީ މައިގަނޑު ފަސް އިސްލާހެއް ގެނެސްފައެވެ. އެއީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ގެނައުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އައު ދެ ހާލަތު ހިމެނުމާއި، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުން ރައީސްއަށް ލިބިދޭ ގޮތަށް ބަދަލުކުރުމާއި އަދި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށް ހިމެނުން ހިމެނެއެވެ.

އެ އިސްލާހުތައް އެންމެ ދުވަހެއްގެ ތެރޭގައި ގެނައުމަށް ފާސްކުރުމުން، އިދިކޮޅު އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder