logoEN
ޚަބަރު

ކަރަންޓް ދިޔަ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް އަންގަވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

01 ޖޫން 2025 - 09:23

މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އަންގަވައިފިއެވެ.

ރައީސް މުޢިއްޒު މި މައްސަލަ ބެއްލެެއްލެވުމަށް ދަންނަވާފައިވާކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މިފަދަ ހާދިސާއެއް އަލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެ ކަމަށެވެ.

"މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވައިފީމެވެ. އެފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން އަރުވަމެވެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މަޢުލޫމާތު ދެއްވާފައިވަނީ ކަރަންޓު މެދުކެނޑުނު ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ކުންފުނިން އަންނަނީ މިހާރު ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މައި ޖަނަނޭޓަރުތައް ޖައްސައި އައިޖީއެމްއެޗަށާއި، ދަރުމަވަންތައަށް ވަނީ ކަރަންޓް ދީފައެވެ.

ކޮމެންޓް

871x217_placeholder