ރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް: އިހުސާން
5 ޖޫން 2025 - 04:49

ދިވެހިރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމުގައި އާއި ދިމާވާ ޙާލަތްތަކުގައި ވަރަށް މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ވާކަމަށް ފާހަގަނުކުރެއްވޭ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށް ގެންދިޔަ "ކަރެކްޝަނަލް އޮފިސަރ ޓްރޭނިންގ ޕްރޮގްރާމް" ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި އަދި ޒިންމާ ބޮޑު މަސައްކަތްތަކެއް ކުރާ ބައެއްކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމުގައި އާއި ދިމާވާ ޙާލަތްތަކުގައި ވަރަށް މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ވާކަމަށް ފާހަގަނުކުރެއްވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަލަށް ހުވާކުރި އޮފިސަރުންނާ މުޙާތަބް ކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެ އޮފިސަރުން ގުޅުނީ މިއަދުގެ ކަރެކްޝަންސްއާ ކަމުގައި އާއި މިއީ ވަރަށް ބައިވަރު އޮފިސަރުންގެ ވަރަށް ބުރަ މަސައްކަތާއެކު ހިންގުން ހަރުދަނާ ވެފައިވާ މުވައްސަސާއެއްކަމަށާއި އަދިވެސް އެކަށީގެންވާ ވަރަށް އޮފިސަރުން ރެކްރޫޓް ނުކުރެވުނު އެހެން ނަމަވެސް ޒިންމާ އަދާކުރުމުގައި އިންތިހާއަށް ރަނގަޅަށް ޒިންމާ އަދާ ކުރާ މުވައްސަސާއެއް ކަމުގައިއެވެ.
ދަސްވެނިންނަށް މަރުޙަބާ ދަންނަވަމުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ކަރެކްޝަންސްއަށް ބޭނުންވަނީ ޢިލްމީ އޮފިސަރުންކަމުގައި އާއި ޖަލުތަކުގައި މަސައްކަތްކުރަމުން ގެންދާ ހީވާގި، މުރާލި އޮފިސަރުން މި މަސައްކަތްކުރަމުން ގެންދަނީ މުޅި ޤައުމުގެ މަސްލަހަތަށްކަމަށެވެ. އެގޮތުން ކަރެކްޝަންސްގައި މިހާރުވެސް ޢިލްމީ ބޭފުޅުންނާއި 20، 30 އަހަރު ވަންދެން ޚިދުމަތް ކުރައްވަމުންގެންދަވާ ތަޖުރިބާކާރު އޮފިސަރުން ތިއްބެވިކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ކޮރަޕްޝަނާއި ރިޝްވަތާ ބެހޭގޮތުން ކޮމިޝަނަރ ވާހަކަފުޅު ދައްކަވަމުން، ދަސްވެނިވުނު ނުވަ އޮފިސަރުންނަށް ނަސޭހަތްތެރި ވެލެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރެއްވުމަށާއި ދިއްކޮށްލާ ޕާރްސަލް ނުވަތަ ދޭ ފައިސާއަށް ނުހެއްލުމަށެވެ.
މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިޔަރ މުވައްޒަފުން އަދި ދަޢުވަތު އެރުވި މެޙެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.