ތިމާވެށީގެ ދުވަހުގެ ހަރަކާތްތައް މުޅި ޖޫން މަހަށް ބަހާލެވިގެން ކުރިއަށްދާނެ


08 ޖޫން 2025 - 05:20
ތިމާވެށީގެ ދުވަހުގެ ހަރަކާތްތައް މުޅި ޖޫން މަހަށް ބަހާލެވިގެން ކުރިއަށްދާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ 5 ވަނަ ދުވަހެވެެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ހާމަކޮށްފައިވަނީ، މިއަހަރުގެ ތިމާވެށީގެ ދުވަހާ ގުޅިގެން އެންމެ ދުވަހަކަށް ނުހުއްޓި، މުޅި ޖޫން މަހު ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
"އަވަރް ޕްލެނެޓް އެކްޝަން މަންތް" ގެ ނަމުގައި ކުރިއަށްދާ މި ޙަރަކާތްތަކުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން އިތުރުކުރުމެވެ.
މި ޙަރަކާތްތަކުގައި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ސެމިނަރތަކާއި، ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، ގަސްއިންދުމުގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރުން ސްކޫލްތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގުމަށް ވަނީ ރޭވިފައެވެ.
މި ޙަރަކާތްތަކުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށްވެސް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ބުނެފައިވެއެވެ. އަދި މި ޙަރަކާތްތަކުގެ ތަފްޞީލު މަޢުލޫމާތު ލިބިވަޑައިގަންނަވާނީ އެ މިނިސްޓްރީގެ ވެބްސައިޓްތަކުންނާއި އިޖްތިމާޢީ ވިއުގަތަކުން ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
ތިމާވެށީގެ ދުވަހުގެ ހާއްސަ ޖަލްސާ ބާއްވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
ތިމާވެސިގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ މެސެޖުގައި ތިމާވެށި ޙިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ޤައުމީ ޒިންމާއެއްކަމުގައި ވަނީ ވިދާޅުވެފައެވެ.
އެ މަނިކުފާނުގެ މެސެޖުގައި، ދިވެހިރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ، ދެވަނައެއް ނެތް ޗާލު މާޙައުލެއް އޮތުމުން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހީންނަށް އާމުދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާ ވަނީ ކަނޑުތަކުގެ ދިރުމާ، ރަށްތަކުގެ ރީތިކަމަށް ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.