ތިމާވެށީގެ ފަންނީ މާހިރުންގެ ތެރޭގައި ޖަޒީރާ ގައުމުތައް ހިމެނުމަށް ރާއްޖެ އިން ވަކާލާތު ކުރަނީ
28 ޖުލައި 2026 - 05:15

ތިމާވެށީގެ ގޮތުން އެކުލަވާލައި ފަންނީ މާހިރުންގެ ތެރޭގައި ޖަޒީރާ ގައުމުތައް ހިމެނުމަށް ރާއްޖެ އިން ވަކާލާތުން ކުރަން ނިންމައިފި އެވެ.
ރާއްޖެއިން މިގޮތަށް ވަކާލާތު ކުރުމަށް ނިންމާފައި ވަނީ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީ.ބީ.ޑީ) ގެ ސައިންޓިފިކް، ޓެކްނިކަލް އެންޑް ޓެކްނޮލޮޖިކަލް އެޑްވައިޒްއާ ބެހޭ ސަބްސިޑިއަރީ ބޮޑީގެ 28 ވަނަ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުން ކުރިޔަށް ދަނީ މި މަހުގެ 27 އިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ، ކުދި ޖަޒީރާ ޤައުމުތައް، ސިޑްސް އަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން ވަކާލާތު ކުރުމަށް ވަނީ ނިންމާފަ އެވެ.

Ad by Hajj Corporation
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މައިގަނޑު އަމާޒަކީ ކޮންވެންޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް އެކުލަވާލެވޭ ފަންނީ މާހިރުންގެ ގްރޫޕްތަކުގައި، ކުދި ޖަޒީރާ ޤައުމުތަކަށް ހާއްސަ ގޮނޑިތަކެއް ކަށަވަރުކުރުމެވެ. މިއީ މިފަދަ ނިންމުންތައް ނިންމާ މަރުޙަލާގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގައި ކުރިއަށްދާ ކޮންޒަވޭޝަން ނުވަތަ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ރިވިއުކުރާ މަރުޙަލާގައި، ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގައުމުތަކުގެ އަމާޒުތައް ހިމެނުމަށް ރާއްޖޭން ބާރުއެޅުމަށް ވަނީ ނިންމާފަ އެވެ. އަދި ތިމާވެށީގެ ކަންކަން މޮނިޓާކޮށް ރިޕޯޓްކުރުމުގައި ސިޑްސްގެ ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ރާއްޖޭގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތަކެވެ.
ރާއްޖޭން މި ބައްދަލުވުމުގައި ވަކާލާތުކުރާނެ އަނެއް މުހިންމު ކަމަކީ، ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކުރުމަށާއި، އެފަދަ ސައިންޓިފިކް މަޢުލޫމާތުތަކަކީ ހުރިހާ ގައުމުތަކަށް ފަސޭހައިން ލިބޭނެ މައުލޫމާތުތަކަކަށް ހެދުމަށެވެ.
ސަރުކާރުން ތިމާވެށީގެ ދާއިރާއިން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، މި ބައްދަލުވުމަކީ ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ލިބޭނެ މުހިއްމު ފުރުސަތެކެވެ.


