25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާހު ކޮށްފި
20 ޖުލައި 2026 - 13:43

ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން، ރ އަތޮޅާއި ބ އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްފި އެވެ.
މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އިމްޕޯޓްކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ އިތުރުން، ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފާހަގަ ކުރެ އެވެ. މި ނިޒާމުތައް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރ. ކިނޮޅަހުގައެވެ.

Ad by Hajj Corporation
ތިމާވެއްޓަ ބެހޭ މިނިސްޓްރީން ބުނީ މިއީ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް" (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަސައްކަތެއް ކަމަށެވެ. އެ މިނިސްޓްރީން ބުނީ ޕޮއިސްޑް މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ 160 ރަށެއްގައި ގާއިމުކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލުކުރުމެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިންމާ، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަމުންނެވެ. މި ރަށްތަކުގައި ޖުމްލަ 13.4 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި، 10.6 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމުކުރުމާއި އަދި މިސިސްޓަމްތަކަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުމާއި އަދި އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑްކުރުންވެސް މީގެތެރޭގައި ހިމެނެ އެވެ. މީގެ އިތުރުން 27 މެގަވޮޓްގެ ޑީސަލް ޖަނަރޭޓަރު ވެސް ވަނީ ފޯރުކޮށްދީފަ އެވެ.
މިއަދު އިފްތިތާހުކުރި 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ހިމެނެ އެވެ. މި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވަރގެ ސާފު ހަކަތަ އުފައްދާނެއެވެ. މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މައުލޫމާތުދެ އެވެ.
މިއަދު މިހިދުމަތް ފެށި ރަށްތައް، އަދި އެ ރަށްތަކުގައި ހަކަތަ އުފައްދާ މިންވަރު
ރ އަލިފުށި 0.00 29.70
ރ ވާދޫ 412.16 250.80
ރ ރަސްގެތީމު 412.16 257.40
ރ އަނގޮޅިތީމު 412.16 250.80
ރ މާކުރަތު 172.03 176.00
ރ ރަސްމާދޫ 537.60 300.30
ރ އިންނަމާދޫ 618.24 350.90
ރ މަޑުއްވަރީ 344.06 400.40
ރ އިނގުރައިދޫ 618.24 350.90
ރފައިނު 412.16 250.80
ރ މީދޫ 516.10 450.45
ރ ކިނޮޅަސް 537.60 297.55
ރ ހުޅުދުއްފާރު 344.06 250.80
ބ ކުޑަރިކިލު 618.24 352.00
ބކަމަދޫ 172.03 198.00
ބ ކެންދޫ 344.00 249.70
ބ ކިހާދޫ 537.60 321.75
ބ ދޮންފަނު 537.60 301.40
ބ ދަރަވަންދޫ 0.00 25.30
ބ މާޅޮސް 716.80 396.00
ބ އޭދަފުށި 0.00 35.20
ބ ތުޅާދޫ 0.00 20.35
ބ ހިތާދޫ 618.24 371.80
ބފުޅަދޫ 537.60 217.80
ބ ފެހެންދޫ 537.60 250.80
ޖުމްލަ 9,956.29 6,356.90
މިއަދު މި އިފްތިތާޙުކުރި ރަށްތަކާއެކު، ޖުމްލަ 97 ރަށެއްގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓްގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 20.6 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ޤާއިމުކޮށްނިމި ބޭނުންކުރަމުންދާނެއެވެ. މީގެ އިތުރުން 23 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތްތައް 2027 ވަނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވެއެވެ.
ޕޮއިސްޑް ޕްރޮޖެކްޓަކީ ޤައުމީ ހަކަތައިގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭ މަޝްރޫޢެކެވެ. ދިވެހި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މިއީ ރާއްޖޭގެ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (NDC) ގައިވެސް ހިމަނާފައިވާ މުހިންމު ލަނޑުދަނޑި އެކެވެ.


