logoEN
ޚަބަރު

ރައީސްގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ވަޒީރުންގެ ޓީމެއް މިނާ ފޭލިގެއަށް ޒިޔާރަތްކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

08 ޖޫން 2025 - 06:41

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށްޓަކައި ވަޒީރުންގެ ޓީމެއް ރޭގެ ވަގުތެއްގައި މިނާ ފޭލިގެއަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފެވެ.

ޒިޔާރަތުގެ ތެރޭގައި ވަޒީރުން ވަނީ ޙައްޖުވެރިންނާއި، ޙައްޖު ކޯޕަރޭޝަންގެ އިސްވެރިންނާއި އަދި މުޠައްވިފްގެ ބޭފުޅުންނާ ބައްދަލުކުރައްވާ، ޙައްޖުވެރިންގެ ހާލު އޮޅުންފިލުއްވާފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ވަޑައިގެންފައިވާ 1000 ޙައްޖުވެރިން ވަނީ ޢަރަފާތާއި މުޛްދަލިފާގެ ރުކުން ފުރިހަމަކުރުމަށްފަހު، ބޮޑު ޖަމްރާއަށް ހިލައުކާ އިޙްރާމުން ހަލާލުވެފައެވެ. މިވަގުތު ހުރިހާ ޙައްޖުވެރިންވެސް ތިއްބެވީ މިނާ ފޭލިގެތަކުގައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޒިޔާރަތަކީ ދިވެހި ޙައްޖާޖީންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ. އަދި ޙައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ސަރުކާރުން ގަދައަޅާ މަސައްކަތްކުރާނެކަމަށް ވުޒާރާއިން ވަނީ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓް

871x217_placeholder