ފީފާ ކްލަބް ވޯލްޑް ކަޕްގައި ފަސް އައު ޓެކްނޮލޮޖީއެއް ތަޢާރަފުކުރަނީ
8 ޖޫން 2025 - 08:05

މިއަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގައި ބޭނުންކުރުމަށް ފަސް އައު ޓެކްނޮލޮޖީއެއް ތަޢާރަފުކުރާނެ ކަމަށް ފީފާއިން ވަނީ އިއުލާނުކޮށްފައެވެ. މީގެ ތެރޭގައި ރެފްރީން ބޮޑީ ކެމެރާ ބޭނުންކުރުން ހިމެނެއެވެ.
ފީފާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މެޗުތަކުގައި ރެފްރީން ބޭނުންކުރާ ބޮޑީ ކެމެރާގެ މަންޒަރުތައް ލައިވްކޮށް ދައްކާނެއެވެ. އަދި ވީއޭއާރު މޮނިޓަރުގެ މަންޒަރުތައްވެސް ސްޓޭޑިއަމްގެ ސްކްރީންތަކުން ދައްކަމުންދާނެއެވެ.

Ad by Hajj Corporation
މީގެއިތުރުން، އޮފްސައިޑް ޓެކްނޮލޮޖީ އިތުރަށް ތަރައްގީކޮށް، ބޯޅައިގެ އެތެރޭގައި ސެންސަރެއް ހަރުކުރެވޭނެއެވެ. އަދި ހޯކް-އައި އާއި ގުޅިގެން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މެޗުގެ ތަފާސްހިސާބުތައް ރިއަލްޓައިމްކޮށް ނެގޭނެއެވެ. ޓީމުތަކުން ކުޅުންތެރިން ބަދަލުކުރުމަށް ހުށަހަޅާ ރިކުއެސްޓްތައްވެސް ޑިޖިޓަލް ޓެބްލެޓް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
"ފީފާއަކީ އާ ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުގައި ފަޚުރުވެރި ތާރީޚެއް އޮތް ޖަމްޢިއްޔާއެކެވެ. އަދި ކްލަބް ވޯލްޑް ކަޕްގައިވެސް މި ދަނޑިވަޅު ބޭނުންކުރެވޭނެއެވެ. ދުނިޔޭގެ އެންމެ މޮޅު ކްލަބްތައް ވާދަކުރާ މުބާރާތެއްގައި މި އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ،" މިހެން ވިދާޅުވީ ފީފާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޮމްއެވެ.
މިއަހަރުގެ ކްލަބް ވޯލްޑް ކަޕް އޮންނާނީ ޖޫން 15 އިން ޖުލައި 13 އަށް އެމެރިކާގައެވެ. މިއީ މި މުބާރާތުގައި 32 ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ.