ސިންގަޕޫރުގެ އާގުބޯޓެއްގައި ރޯވެ އަނދަނީ، 4 ފަޅުވެރިން ގެއްލިއްޖެ
10 ޖޫން 2025 - 11:18

އިންޑިޔާގެ ކެރަލާގެ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ ސިންގަޕޫރުގެ ދިދަ ޖެހި އާގުބޯޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާން ރޯވެއްޖެއެވެ. އަލިފާން ރޯވެފައި ވަނީ އެމްވީ 'ވޮން ހައި 503'ގެ ނަން ދީފައިވާ އާގުބޯޓެއްގައެވެ.
އެ އުޅަނދުގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާން ރޯވެފައިވާއިރު، އޭގައި ތިބި 22 ފަޅުވެރިންގެ ތެރެއިން ހަތަރު މީހަކު ވަނީ ގެއްލިފައެވެ.

Ad by Hajj Corporation
އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރެއިން 18 މީހުން ސަލާމަތް ކޮށްފައި ވަނީ އިންޑިޔާގެ ކޯސްޓުގާޑާއި ކަނޑުގެ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ މީހުން އިންޑިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދު، އައިއެންއެސް ސޫރަތުގައި މަންގަލޫރު ބަނދަރަށް ގެންގޮސްފައިވާ ކަމުގައި އިންޑިޔާގެ ދިފާޢީ ދާއިރާގެ މަޞްދަރުތަކުން ބުނެއެވެ.
އިންޑިޔާގެ ދިފާޢީ ދާއިރާގެ މަޞްދަރުތަކުން ބުނީ، އެ އާގުބޯޓުގައި ތިބި ފަޅުވެރިންގެ ތެރެއިން 18 މީހުން ސަލާމަތް ކޮށްފައިވާ ކަމުގައެވެ. އަދި، ގެއްލިފައިވާ ކަމަށް ބެލެވޭ ހަތަރު މީހުން ހޯދައި، ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ހާދިސާ ހިނގާފައި ވަނީ އެ އުޅަނދުގައި ނުރައްކާތެރި މުދާތަކެއް އުފުލަމުން ދަނިކޮށް ކަމުގައި ރިޕޯޓުތައް ބުނެއެވެ.
އެމްވީ ވޮން ހައި 503 ގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާން ރޯވެފައި ވަނީ ކެރަލާގެ ކަންނޫރް ޑިސްޓްރިކްޓުގެ ބަނދަރުމަތީ ރަށް، އަޖޭކާލްގެ ރަށް ބޭރުން 44 ނޯޓިކަލް މޭލު ދުރުން ދަތުރު ކުރަމުން ދަނިކޮށް، އިންޑިޔާ ގަޑިން ހެނދުނު 9:20ހާއިރެވެ. އެއީ، ކޯޗީގެ ހުޅަނގުއުތުރުން 130 ނޯޓިކަލް މޭލު ދުރެވެ.
މި ހާދިސާ ހިނގާފައި ވަނީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ ބަނދަރުން ފުރައިގެން އިންޑިޔާގެ މުމްބާއީގެ ބަނދަރުމަތީ ރަށް ނޫހަވާ ޝޭވާއަށް ދަތުރު ކުރަމުން ދިޔަ މަގުމަތީގައެވެ.


