ސިންގަޕޫރުގައި ގަނާކުރާ ސްކޫލްކުދިންނަށް ދަނޑިން ޖެހުމުގެ އަދަބުދެނީ
8 މޭ 2026 - 17:09

ސިންގަޕޫރުގައި ބުލީ ނުވަތަ ގަނާކުރާ ސްކޫލްކުދިންނަށް ދަނޑިން ޖެހުމުގެ އަދަބުދެވޭ ގޮތަށް ހަދައިފިއެވެ.
ސިންގަޕޫރުގައި ތަޢާރަފްކުރި އާ ގައިޑްލައިންގައިވާ ގޮތުން، ގަނާކުރާ ފިރިހެން ކުދިންނަށް "އެންމެ ފަހު ފިޔަވަޅު" ގެ ގޮތުގައި ދަނޑިން ޖެހުމުގެ އަދަބު ދެވޭނެއެވެ.

Ad by Hajj Corporation
އާ އުސޫލުގެ ދަށުން ފިރިހެން ދަރިވަރުންގެ ގައިގައި ތިން ފަހަރެއްގެ މަތިން ދަނޑިން ޖެހުމުގެ ފުރުސަތު ސްކޫލަށް ލިބެއެވެ.
އދ.ގެ ކުޑަކުދިންގެ އޭޖެންސީ ޔުނިސެފް ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ ކުޑަކުދިންނަށް ޖިސްމާނީ އަދަބު ދިނުމަކީ އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ލިބޭ ކަމެއް ކަމަށް ބުނެ ވާހަކަ ދައްކައިފައެވެ.
ސިންގަޕޫރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑެސްމޮންޑް ލީ ވިދާޅުވީ ދަނޑިން ޖަހާނީ އެހެން ހުރިހާ ފިޔަވަޅުތަކެއް އަޅައި ގަނާކުރުން ތަކުރާރުކުރުމުން އެކަނި ކަމަށެވެ.
މިކަން ކުރުމުގައި އަމަލު ކުރަނީ ދަރިވަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަރަށް ހަރުކަށި ޕްރޮޓޮކޯލްތަކަކަށް ކަމަށާއި ދަނޑިން ޖެހުމުގެ އަދަބަކީ ޕްރިންސިޕަލްގެ ހުއްދަ ލިބިގެން އަދި ހުއްދަ ލިބިފައިވާ ޓީޗަރުންނަށް އެކަނި ދެވޭނެ އަދަބެއް ކަމަށް ވެސް ވިދާޅުވިއެވެ.
"ސްކޫލުތަކުން ބަލާނީ ދަރިވަރުގެ ފުރާވަރުގެ މިންވަރާއި، ދަނޑިން ޖެހުމަކީ ދަރިވަރުގެ ކުށުން ފިލާވަޅު ލިބިގަނެ، އޭނާ ކުރި ކަމެއްގެ ސީރިއަސްކަން ދެނެގަތުމަށް އެހީވެދޭނެ ކަމެއްތޯ"
މި ފިޔަވަޅު އަޅާފައި ވަނީ ބުލީ ކުރުމާ ގުޅޭ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަށް ދިރާސާތަކެއް ކުރުމަށްފަހުއެވެ.
އަޕަރ ޕްރައިމަރީ ލެވެލް (އުމުރުން 9-12 އަހަރު) އަދި އެއަށްވުރެ މަތީ އުމުރުގެ ފިރިހެން ދަރިވަރުންނަށް އަދަބުގެ ގޮތުގައި ދަނޑިން ޖެހުން ބޭނުންކުރާނެ ކަމަށް ލީ ވިދާޅުވިއެވެ.
ލީ ވިދާޅުވި ގޮތުގައި އަދަބު ދިނުމަށް ފަހު ސްކޫލުން އެ ދަރިވަރުގެ ހާލު ބަލާނެއެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންހެން ދަރިވަރުންނަށް ބަންދު ކުރުމާއި ސަސްޕެންޑް ކުރުމާއި ކޮންޑަކްޓް ގްރޭޑް ބަދަލުކުރުން ފަދަ އަދަބުތައް ލިބޭނެއެވެ. ނަމަވެސް ދަނޑިން ޖެހުމުގެ އަދަބު އަންހެން ކުދިންނަށް ތަންފީޒުނުކުރާނެއެވެ.
19 ވަނަ ޤަރުނުގައި އިނގިރޭސިންގެ އިސްތިޢުމާރީ ބާރުތަކުން އެންމެ ފުރަތަމަ ތަޢާރަފްކުރި ޖުޑިޝަލް ކޭނިންގއަކީ 50 އަހަރުން ދަށުގެ ފިރިހެނުންނަށް ސިންގަޕޫރުގައި އަދިވެސް ބޭނުންކުރަމުން އަންނަ އަދަބެކެވެ. އަދަބު ދެވޭ ކުށްތަކުގެ ތެރޭގައި ފޭރުމާއި، ސްކޭމް ކުރުން ފަދަ ކުށްތައް ހިމެނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޖިސްމާނީ އަދަބު ދިނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ކުދިންގެ ސިއްހަތަށާއި ހެދިބޮޑުވުމަށް ބޮޑެތި އަސަރުތައްކުރާ ކަމަށެވެ.


