ނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފި
3 ނޮވެމްބަރު 2026 - 18:46

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ނޮވެމްބަރު 3 ގެ އައްޑަނަ 5 ބޭފުޅަކަށް އަރުވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި މި ޚާއްޞަ ޖަލްސާގައި އެ ބޭފުޅުންނަށް އައްޑަނަ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ޖަލްސާގައި ނޮވެމްބަރު 3 ގެ އައްޑަނަ އެރުވުނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގެ ވަގުތުގައި، ހިތްވަރާއެކު ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި 5 ބޭފުޅުންނަށެވެ. އެ ބޭފުޅުންނަކީ:
- ސަރޖެންޓް ފަސްޓްކްލާސް (ރިޓަޔަރޑް) އިބްރާހީމް ޝަރީފް
- ސްޓާފް ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން ޢަލީ
- ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން މަނިކު
- ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ ނަސީމް
- ލާންސް ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ މުފީދު
މި ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން އިސްތިޤްބާލުކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ޖަލްސާ ރަސްމީކޮށް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.
މި ޖަލްސާގެ ތެރެއިން ދިވެހި ސިފައިން ވަނީ ނޮވެމްބަރު 3 ގެ ހާދިސާއާ ގުޅުވައިގެން "ލޭގެ ޖިހާދު" ގެ ނަމުގައި ޚާއްޞަ ތަމްސީލެއް ހުށަހަޅައިދީފައެވެ. މީގެ އިތުރުން ދިވެހި ސިފައިންގެ ޤައުމީ ލަވަ އަލްބަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނެރެދެއްވާފައެވެ. އަދި މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.
މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދާއި، ދައުލަތުގެ ވަޒީރުންގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

-01.jpg&w=3840&q=75)
