logoEN
ޚަބަރު

މޫސުމީ ނުރައްކަލުން އަރައިގަތުމަށް ދިވެހިރާއްޖެއިން އަބަދުވެސް ކުރީސަފުގައި މަސައްކަތް ކުރާނެ: ޝިޔާމް

ހުސައިން ވަސީމްހުސައިން ވަސީމް

10 ޖޫން 2025 - 14:50

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެންމެ ކުރީސަފުގައި އަބަދުވެސް ދިވެހިރާއްޖެއިން މަސައްކަތް ކުރާނެ: މިނިސްޓަރ ޝިޔާމް

ކަނޑުތައް ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށާ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ގައުމުތައް ނުރައްކަލާ ކުރިމަތިލާންޖެހުނަސް އެނުރައްކަލުން އަރައިގަތުމަށް އެންމެ ކުރީސަފުގައި އަބަދުވެސް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ފްރާންސްގައި މިހާރު ކުރިއަށްދާ އދ. ގެ އޯޝަން ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ އަދި އެ ނުރައްކަލާ ރާއްޖެއިން ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަތައް މަރުވުމަކީ ހަމައެކަނި ސައިންސުވެރިން ފާހަގަކުރާ ކަންބޮޑުވުމެއް ނޫންކަމަށާއި އެއީ ދިވެހީންގެ ދިރިއުޅުމުގެ ހަގީގަތް ކަމަށް ވަޒީރު ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭން ދިވެހިރާއްޖެ ހިމެނޭ ކަމަށާ، އެހެން ނަމަވެސް އެ ނުރައްކަލުން އަރައިގަތުމަށް ރާއްޖޭން އަބަދުވެސް ކުރީސަފުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވި އެވެ.މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ހޫނުމިން އިތުރުވެ، މަހުގެ ސްޓޮކް ކުޑަވަމުންދާ ކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއިއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކަނޑަކީ ސީދާ ދިވެހީންގެ ދިރިއުޅުމާ ގުޅިފައިވާ ވަސީލަތެއް ކަމަށާ އެއީ ދިވެހީންގެ ސަގާފަތް ރަމްޒުކޮށްދޭ އެއްޗެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ރާއްޖޭގައި 93 އަށް ވުރެ ގިނަ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށްފައިވާ ކަމަށާ އދގެ އޯޝަންސް ކޮންފަރެންސްގެ ލަނޑުދަނޑިތައް ހާސިލްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެއްފަހަރު ބެނުންކޮށް އުކަލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. ކަނޑާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމުމުގައި ކަނޑަށް އެންމެ ބޮޑަށް ބަރޯސާވާ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބަސް ހިމެނެން ޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެހެނީ ކަނޑުގެ މުސްތަޤްބަލަކީ މަދު ބަޔަކަށް ލިޔެވިދާނެ އެއްޗެއް ނޫން ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އެހީތެރިކަން ހޯދުމުގައި ގޮންޖެހުންތައް ހުންނަ ކަމަށާއި އެފަދަ ޤައުމުތަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީވެފައިވާ ޤައުމުތަކަށާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކަށް ވަޒީރު ވަނީ ގޮވަލައްވާފަ އެވެ. އަދި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ދެވޭ ލޯނުތައް މައާފުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder