އަލްމަރްހޫމް ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަނީ
10 ޖޫން 2025 - 15:51

ޚިދުމަތް ޖަމްޢިއްޔާއިން އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެކަމުގައި ބައިވެރިވުމަށް އެހީ ދިނުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިކަން އިޢުލާންކުރަމުން ޚިދުމަތް ޖަމްޢިއްޔާއިން ބުނެފައިވަނީ، މިކަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ޖަމްޢިއްޔާގެ 7770000141496 އެކައުންޓަށް ފައިސާގެ އެހީ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad by Hajj Corporation
ޚިދުމަތް ޖަމްޢިއްޔާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މިސްކިތް ބިނާކުރުމަށް ނިންމާފައިވަނީ ބަންގްލަދޭޝްގައި 250 އަކަފޫޓުގެ ބިމެއްގައެވެ. މި މިސްކިތަކީ 455 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ ޖާގައެއް އޮންނާނެ މިސްކިތެކެވެ.
މިސްކިތް ބިނާކޮށް ނިންމުމަށް 760،000 ރުފިޔާ ޚަރަދުވާނެ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ އަންދާޒާކޮށްފައެވެ.
ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވެވަޑައިގަތީ އިއްޔެ މެލޭޝިޔާއަށް ވަޑައިގެން މަތިންދާބޯޓުން ފައިބާވަޑައިގަތް ވަގުތު ވެއްޓިވަޑައިގެން، ފަރުވާ ދެމުންދަނިކޮށެވެ. ޝައިޚްގެ ޢާއިލާއިން ނިންމާފައިވަނީ ޖަނާޒާގެ ކަންތައް މެލޭޝިޔާގައި ކުރިއަށް ގެންދިއުމަށެވެ. މިއީ ދިވެހިރާއްޖެއަށް ގެނެސްފިނަމަ ޕޯސްޓްމޯޓަމް ހަދަންޖެހުމާއި، މިއީ ޝައިޚް އަބަދުވެސް އިންކާރު ކުރައްވާ ކކުރައްވާ ކަމަކަށް ވާތީއެވެ.
ޝައިޚް ފަރީދަކީ ދިވެހިރާއްޖޭގެ އެންމެ މަޝްހޫރު ދީނީ ޢިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ. އަދި އެތައް އަހަރެއްގައި ދިވެހި މުޖުތަމަޢުއަށް ދީނީ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މި މިސްކިތް ބިނާކުރުމަކީ އެ މަނިކުފާނުގެ ހަނދާނުގައި ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ޚިދުމަތް ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.


