މިހާތަނަށް 234 ޒުވާން ހަތީބުން ތަމްރީންކޮށްފި
18 ސެޕްޓެމްބަރު 2024 - 11:36

މި އަހަރުގެ މިހާތަނަށް 234 ޒުވާން ހަތީބުން އިސްލާމިކް މިނިސްޓްރީން ތަމްރީންކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ ޒުވާން ހަތީބުންގެ މަޝްރޫއަކީ ވެސް ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. ރަށްތަކުގެ ރައްޔިތުންނާއި ކައުންސިލްތަކާއި މައިންބަފައިން މަޝްރޫއު ވަރަށް ބޮޑަށް ބަލައިގެންފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

Ad by Hajj Corporation
"އިންތިހާބުގައި ބައެއް ރަށްރަށް ޒިޔާރަތްކުރި އިރުގައި ލިބުނު ޝަކުވާއެއް މިހާރު ތިބި ހަތީބުންގެ ތެރޭގައި ބައެއް ބޭފުޅުން ވަރަށް ބޮޑަށް އުމުރުން ދުވަސްވެ ރިޓެޔާ ވެފައިވާ ކަން. އެހެންކަމުން ބައެއް ރަށްރަށުގައި ހުކުރު ކުރުމަށް އިމާމުން ގެންނަނީ ޖެހިގެން އޮންނަ ރަށުން. ޖެހިފައިވާ މައްސަލައަކީ ހުއްދަ އޮންނަ މީހުން ނެތުން. ޒުވާން ޖީލެއް އެކަމަށް ޓަކައި ތަރުބިއްޔަތުވެފައި ނެތުން. އެހެންވީމަ އަޅުގަނޑުމެން ފެށީ ޒުވާން ހަތީބުން ތަމްރީން ކުރުމުގެ މަޝްރޫއު." މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލު ނިންމާކުދިން ތެރޭގައި ވަރަށް ގާބިލް ތައުލީމީ ކުދިން އެބަތިބި ކަމަށާއި ވަރަށް ރީއްޗަށް ގުރުއާން ކިޔަވާ ދީނީ އިސްލާމީ މާއްދާތަކުން މަތީ ދަރަޖަ ހޯދާ ކުދިން އެބައުޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެ ކުދިންގެ ތެރޭގައި ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވާލުމުން ވަރަށް ގިނަ ފަރާތްތަކުން ކުރިމަތުލި ކަމަށް ވިދާޅުވިއެވެ.
"މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 65 ޒުވާން ހަތީބުން ވަނީ ތަމރީން ކޮށްފައި. އެ ކުދިން ރަށްތަކަށް ދިއުމުން މަރުހަބާ ކިޔައި އެ ކުދިން ލައްވާ ހުކުރު ކުރުވުމާއި އީދު ނަމާދު ކުރުވި މައްޒަރު ފެނިގެން ދިޔަ. މީގެ މާނައަކީ ރާއްޖޭގެ އިސްލާމީ މުސްތަގްބަލް ވަރަށް އުޖާލާކަން. ރާއްޖޭގެ އިސްލާމީ މުސްތަގްބަލް އޮތީ ފާގަތިކޮށްކަން." މިނިސްޓަރު ވިދާޅުވިއެވެ.