18 ކިލޯގެ މަސްތުވާތަކެއްޗާއި ހަވާލުވުމަށް ދިޔައީ ބިދޭސީ އެއް

11 ޖޫން 2025 - 18:11

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، އެތަކެތި ބަލައިދިޔަ 35 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
މި މަސްތުވާތަކެތި އަތުލައިގަތީ މޯލްޑިވްސް ކަސްޓަމްސްއިން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

Ad by Hajj Corporation
ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަގުމަތީ އަގުން ބަލާނަމަ މިތަކެތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ޑްރަގްއާއެކު 35 އަހަރުގެ ބިދޭސީ ފިރިހެނަކު ކަސްޓަމްސްއިން ފުލުހުންނާ ހަވާލުކޮށްފައިވެއެވެ. ނަމަވެސް، އެ މީހާގެ ބަންދުގެ މުއްދަތު ޖެހިކަމެއް އަދި ސާފެއް ނުވެއެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ، ހައްޔަރުކުރެވުނު ބިދޭސީ މީހާއަކީ އެތަކެއްޗާ ހަވާލުވާން ގޮސް ހުރި މީހާ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި އަތުލައިގަނެވޭ މަސްތުވާތަކެއްޗާއި އެއާ ހަވާލުވާން އަންނަ މީހުން ކަސްޓަމްސްއިން ހަވާލުކުރަނީ ފުލުހުންނާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެއްޗަކީ އިންޑިއާގެ ބެންގަލޫރު މަގުން ގެނައި އެއާ ކާގޯ ޝިޕްމަންޓަކުން ފެނުނު ތަކެއްޗެވެ. މި ތަކެތި ވަނީ ކެނަބިއޮއިޑްސްއަށް ޕޮޒިޓިވްވެފައެވެ.
ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 18.62 ކިލޯއެވެ. ނަމަވެސް، މި ތަކެއްޗަކީ ކޮން ފަރާތަކުން ރާއްޖެއަށް އެތެރެކުރަން އުޅުނު ސާމާނެއްކަން އަދި ސާފުވެފައެއް ނުވެއެވެ.
މި ހާދިސާއަކީ ފަހަކަށްއައިސް ރާއްޖޭގައި ހިނގާފައިވާ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ.
މީގެ ކުރިން، މާޗް މަހުގެ 5 ވަނަ ދުވަހު އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އިންޑިއާ ކޯސްޓްގާޑުން ވަނީ އަތުލައިގަނެފައެވެ.