logoEN
ޚަބަރު

ޤަދަރުވެރި މީހަކަށްވާން ބޭނުންނަމަ އެމީހަކަށް އޮތީ ތަވާޟުޢުވެރިވުން - ޚުޠުބާ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

13 ޖޫން 2025 - 08:14

ތަވާޟުޢުވެރިކަމަކީ އިންސާނިއްޔަތުގެ ގަހަނާއެވެ. އެމުޖުތަމަޢެއްގެ އަފުރާދުންގެ ކިބައިގައި ތަވާޟުޢުވެރިކަން ހުންނަ މުޖުތަމަޢުތަކުގައި އިންސާނީ އެހެން ހުރިހާ ފުރިހަމަ ސިފަތަކެއް އަމިއްލަޔަށް އަށަގަނެއެވެ. ތަވާޟުޢުވެރިޔާއަކީ އޭނާ އުފެއްދެވި އިންސާނީ ފިޠުރަތުގައި ހުރި މީހެކެވެ. ބޮޑާވެ ކިބުރުވެރިވެފައިވާ މީހާއަކީ އިންސާނީ ފިޠުރަތުން އެއްކިބާވެފައިވާ މީހެކެވެ. ތަވާޟުޢުވެރިޔާއަކީ ޙަޤީޤަތަށް އިޢުތިރާފުވާ މީހެކެވެ.

އެމީހެއްގެ ކިބައިގައި ތަވާޟުޢުވެރިކަމެއް ނެތް މީހަކީ އެމީހެއްގެ ކިބައިގައި ޙަޤީޤަތް ޤަބޫލުކުރުމެއް ނެތް މީހެކެވެ. އޭނާއަކީ ބޭރުފުށުން އިންސާނެއްގެ ސިފައިގައި ފެނުނު ކަމުގައި ވިޔަސް ޙަޤީޤަތުގައި އިންސާނެއް ނޫނެވެ.

ތަވާޟުުޢުވެރިވުމުގެ މުޙިއްމު ކަމުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވާއިރު، އިންސާނާގެ ފުރިހަމަކަމަކީ އަޑުގަދަކުރުމާއި ހަޅޭފަޅޭއް ލެވުމެއް ނޫންކަމާއި އޭނާގެ މާތްކަމަކީ އަޑުމަޑުކުރުމާއި މަޑުމައިތިރިވުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ކިބުރުވެރިކަމާއި ބޮޑާކަމަކީ އިންސާނާގެ ހަރުދަނާކަމެއް ނެތްކަމުގެ ދަލީލެކެވެ. އިސްލާމްދީން އިންސާނާ އިންތިހާ ދަރަޖަޔަށް މަޑުމައިތިރި ކުރުވައެވެ. އެހެނީ އިންސާނާ ފުރިހަމަ މާނައިގައި މުސްލިމަކަށް ވެއްޖެނަމަ އޭނާ ވާނީ އެންމެ ފުރިހަމަ މާނައިގައި ތަވާޟުޢުވެރިއަކަށެވެ. ހިތްތިރި، މަޑުމައިތިރި، ނިއަނެތި މީހަކަށެވެ. ހިތްތިރިކަމާއި، މަޑުމައިތިރިކަމާއި، ނިއަނެތިކަމަކީ އިންސާނީވަންތަކަމުގެ އެންމެ ފުރިހަމަ ދަރަޖައެވެ.

ކީރިތި ޤުރްއާނުގެ ލުޤްމާނު ސޫރަތުގައި، ލުޤްމާނުގެފާނުގެ ނަސޭހަތްޕުޅުތަކެއްގެ ގޮތުގައި ވަޙީކުރައްވައިފައި ވެއެވެ.

"އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ މޫނު އަނބުރައިނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ ފަޚުރުވެރިވާ އެއްވެސް މީހަކު ދެކެ ﷲ ލޯބިވެވޮޑިގެނެއްނުވެތެވެ. އަދި ތިބާ ހިނގާހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ، ޙިމާރުގެ އަޑުކަން ކަށަވަރެވެ."

ކީރިތި ރަސޫލާ މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅެއްގައި ވާގޮތުން، އަރަހުށި މާތްﷲ އެކަލޭގެފާނަށް ވަޙީ ކުރައްވައިފައި ވެއެވެ. "ތިޔަބައިމީހުން ތަވާޟުޢުވެރި ވާށެވެ. އެކަކު އަނެކެއްގެ މައްޗަށް އަތްދިގުކޮށް އަނިޔާވެރިވެ، ގަދަބަދަވިކަން ދެއްކުމެއް އެކަކު އަނެކެއްގެ މައްޗަށް ފަޚުރުވެރިވުމެއް ނެތިއްޖައުމަށް ދާނދެނެވެ."

ކޮމެންޓް

871x217_placeholder