ނަމާދަކީ ދީނުގެ ތަނބު، ނަމާދު ދޫކޮށްލައިފި މީހާ ވަނީ ދީނުން ބޭރުވެފައި: ހުތުބާ

17 އޮކްޓޯބަރު 2025 - 09:42

ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުންކަމާއި، އެއީ ދީނުގެ ތަނބުކަން ހަނދާންކޮށްދީ ނަމާދު ދޫކޮށްލައިފި މީހާ ވަނީ ދީނުން ބޭރުވެފައިކަން މިއަދު ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ.
''ނަމާދަށް ފަރުވާތެރިވުން''ގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ގެނެސްދިން ހުކުރު ހުތުބާގަައި ބަޔާންކުރަށްވާފައިވާ ގޮތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްލާމްދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަމަކީ ނަމާދެވެ. އަދި މިއީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް، ފިރިހެނަކަސް އަންހެނަކަސް، މުއްސަންޖަކަސް ފަޤީރަކަސް، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކަސް ބަލިމީހަކަސް، ރަށުގައި ޤާއިމުވެގެން ހުރި މީހަކަސް ދަތުރުވެރިޔަކަސް، އަމާންކަމުގެ ހާލަތުގައި ވެސް އަދި ބިރުވެރިކަމުގެ ހާލަތުގައި ވެސް ދޫކޮށްނުލެވޭ ފަރުޟެއް ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ހުތުބާގައި އިތުރަށް ބަޔާންކުރައްވާފައި ވަނީ، ނަމާދަކީ ރަސޫލުބޭކަލުންގެ ސާހިބާ ރަސޫލު صلى الله عليه وسلم ގެ ލޯފުޅުގެ ފިނިކަންކަމުގައި ވީ ފަދައިން މުއުމިނުންގެ ވެސް ލޮލުގެ ފިނިކަން ކަމެވެ. އަދި ތަޤުވާވެރީންގެ މިޢުރާޖު ކަމުގައެވެ.
ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނުގެ އިތުރުން، އެއީ ދީނުގެ ތަނބުކަން ހުތުބާގައި ފާހަގަކުރައްވައި، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެ ކަމަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅުން އެނގޭކަން ހުތުބާގައި ބަޔާންކުރެއްވިއެވެ. މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވަނީ، "އަދި ތިޔަބައިމީހުން ނަމާދު قائمކުރާށެވެ! އަދި مشركންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ!" (سورة الروم: ٣١) މި އާޔަތަކީ ނަމާދަށް ފަރުވާތެރިނުވެ ނަމާދުއަޅާ މީހުން ކާފިރުވާނެކަމުގެ ދަލީލެއްގެ ގޮތުގައި ޢިލްމުވެރީން ގެންނަވާ އާޔަތެއްކަމަށް اِبْنُ حَجَر رَحِمَهُ الله ވިދާޅުވެފައިވާކަން ވެސް ހުތުބާގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހުތުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި ނަމާދަކީ މުސްލިމުންނާއި ކާފިރުންނާ ދެމެދުވާ ތަފާތެވެ. އެ ދެމެދު ވަކިކުރާ އިމެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްބަސްފުޅެއް ކަމުގައިވާ، (اَلْعَهْدُ الَّذِيْ بَيْنَنَا وَبَيْنَهُمُ الصَّلَاةُ، فَمَنْ تَرَكَهَا فَقَدْ كَفَرَ) މާނައީ: "އަހަރެމެންނާ އެބައިމީހުންނާ ދެމެދުގައިވާ ޢަހުދަކީ ނަމާދެވެ. އެ ނަމާދު ދޫކޮށްލާ މީހާ ހަމަކަށްވަރުން ކާފިރުވެއްޖެއެވެ." މި ޙަދީޘް ވެސް ހުތުބާގައި ހިމަނާފައިވެއެވެ. އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ، وَالْكُفْرِ، تَرْكُ الصَّلَاةِ) މާނައީ: "އަޅާއާއި ޝިރުކާއި ކުފުރާ ދެމެދުގައިވަނީ ނަމާދު ދޫކޮށްލުމެވެ." ނަމާދު ދޫކޮށްލުން ފިޔަވައި އެހެން އަޅުކަމެއް ދޫކޮށްލައިގެން މީހަކު ކާފިރުވާނޭކަމަކަށް ނަބިއްޔާ صلى الله عليه وسلم ޞަހާބީންނަށް ވިދާޅެއްނުވާކަން ވެސް ހުތުބާގައި ފާހަގަކުރެއްވިއެވެ.
ނަމާދު ފަރުޟުކުރެއްވުނު ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން ހުތުބާގައި ވިދާޅުވީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ނަމާދު ފަރުޟުކުރެއްވުމަށް އިރާދަކުރެއްވި ހިނދު، އެ ނަމާދު ފަރުޟުކުރެވުނީ އެންމެ މަތިވެރި ޝަރަފުވެރި މަޤާމަށް، އެންމެ މަތިވެރި ސާހިބާ މުޙައްމަދު ރަސޫލު صلى الله عليه وسلم ގެންދެވުމަށް ފަހުގައެވެ. އެއީ މަލާއިކަތުންނަށް ވެސް ކުއްތަންނުވެވޭހައި ހިސާބުކަމުގައިވާ، ހަތް އުޑުގެ ވެސް މައްޗަށް، އަރުޝިކޮޅާ އަރިސްކުރެއްވުމަށް ފަހު، އެއްވެސް މެދުވެރިޔަކު ނެތި، އެކަލޭގެފާނަށް ސީދާ ބަސްވަޙީކުރައްވައިގެންނެވެ.
ނަމާދަކީ އެންމެ ފުރަތަމަ ފަރުޟުކުރެވުނު އަޅުކަމަށްވެފައި، އެއީ، ނަބިއްޔާ صلى الله عليه وسلم އުންމަތަށް ކުރެއްވި އެންމެފަހު ވަޞިއްޔަތްޕުޅު ވެސް މެއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި އޮންނެވި އިރު ހޭފުޅުނެތިފައި ހޭފުޅުއަރާ ކޮންމެ ފަހަރަކު ޙަދީޘްކުރައްވަނީ މީސްތަކުން ނަމާދުކޮށްފިހެއްޔެވެ؟ ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ފެންއަޅާށެވެ! ކޮންމެ ފަހަރަކު ފެންއަޅުއްވައިގެން އެކަލޭގެފާނު ނަމާދުކުރެއްވުމަށް ތެދުވެވަޑައިގަންނަވާ ތަނުން ހޭފުޅުނެތޭކަން ވެސް ހުތުބާގައި ފާހަގަކުރެއްވިއެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތް ދާންމަތިކޮޅުގައި އޮންނަވައި އުންމަތަށް އެންމެފަހުން ކުރެއްވި ވަޞިއްޔަތަކީ (اَلصَّلَاةَ! اَلصَّلَاةَ! اِتَّقُوا اللهَ فِيْمَا مَلَكَتْ أَيـْمَانُكُمْ) މާނައީ: "ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުންގެ ބެލުމުގެދަށުގައިވާ ފަރާތްތަކާ މެދު ﷲއަށް ބިރުވެތިވާށެވެ!" މިކަމުން ވެސް ނަމާދުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެއެވެ.
ހުތުބާގައި ވިދާޅުވީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ނަމާދު ޤާއިމުކޮށް އެ ނަމާދުތަކަށް ރައްކާތެރިވުމަށް އަޅުގަނޑުމެންނަށް އަމުރުކުރައްވައިފައިވާ ކަމަށާއި، ހަމަ އެ ފަދައިން އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم ވެސް އެ ކަމަށް ބާރުއަޅުއްވައިފައިވާ ކަމަށެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ.