logo
Bank of Maldives

Bank of Maldives

ޚަބަރު

މި އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތައް، ހެޔޮ އަމަލުތައް ގިނަކޮށް ނުބައިކަންކަމުން ދުރުހެލިވޭ

މަރިޔަމް މާޙީ
15 މޭ 2026 - 06:13
މި އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތައް، ހެޔޮ އަމަލުތައް ގިނަކޮށް ނުބައިކަންކަމުން ދުރުހެލިވޭ

ކުރިމަތިވަމުން މި އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތައް ކަމަށާއި، މި ދުވަސްތަކުގައި ހެޔޮ އަމަލުތައް ގިނަކޮށް ނުބައިކަންކަމުން ދުރުހެލިވުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ޚާއްޞަކޮށްފައިވަނީ 'ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް' މި މައުޟޫގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދުގެ ހުކުރު ޚުޠުބާގައި ބުނީ، މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރު ކަމަށާއި، އެއީ ރަޖަބު މަހާއި، ޛުލްޤައިދާ މަހާއި، ޛުލްޙިއްޖާ މަހުގެ އިތުރުން މުޙައްރަމު މަސް ކަމަށެވެ. މީގެ ތެރެއިން ވެސް އެންމެ މަތިވެރިކަން ބޮޑުވެގެންވަނީ ޙައްޖު މަސް ކަމަށާއި، އެ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެއަށް އަންނާނެ އެންމެ މާތް ދުވަސްތައް ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.

ކީރިތި ޤުރްއާނުގެ ފަޖުރު ސޫރަތުގައި މާތް ﷲ ގަންދެއްވައި ވަޙީކުރައްވާފައިވާ ދިހަ ރެއަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ރޭ ކަމަށް ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި މި ދުވަސްތަކުގައި ކުރާ ޞާލިޙު އަމަލުތަކަކީ މާތް ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް މަތިވެރިވެގެންވާ އަމަލުތަކެއް ކަމަށް ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން އެނގެން އޮތްކަން ވެސް ބުންޏެވެ.

މި މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް އިޚުލާޞްތެރި ތައުބާއަކުން ތައުބާވުމަށް ޚުޠުބާގައި އިލްތިމާސްކުރިއެވެ. އަދި މި ދުވަސްތަކުގައި ރޯދަހިފުން ގިނަކުރުމަށާއި، ވަކިން ޚާއްޞަކޮށް ޢަރަފާތް ދުވަހު ރޯދަހިފުމަކީ އިސްވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަ ފުއްސަވައިދޭނެ ކަމެއްކަން ފާހަގަކުރިއެވެ.

މީގެ އިތުރުން ތަކުބީރާއި، ތަސްބީޙައާއި، ތަޙުމީދު ކިޔައި މާތް ﷲގެ މަތިން ހަނދުމަކުރުން ގިނަކުރުމަށާއި، ގެތަކާއި މަގުތަކުގައި އަޑުހަރުކޮށް ތަކުބީރު ކިޔައި އުޅުމަކީ ރަސޫލާ ﷺ ގެ ސުންނަތުން ސާބިތުވާ މަތިވެރި އަޅުކަމެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ. އަދި މި ދުވަސްވަރު ގިނަގިނައިން ޞަދަޤާތްކުރުމަށާއި، ކުޅަދާނަކަން ލިބިގެންވާ މީހުން އުޟުޙިޔާ ކަތިލުމުގެ އިތުރުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އަވަސްވެގަތުމަށް ވެސް ނަޞޭޙަތްތެރިވިއެވެ.

ޚުޠުބާ ނިންމާލަމުން ހެޔޮކަމުގެ މި މޫސުމުގައި ނަމާދުތަކަށް ފަރުވާތެރިވެ، ކީރިތި ޤުރްއާން ކިޔަވައި، ގިނަގިނައިން ދުޢާކޮށް ރޭ އަޅުކަން ކުރުމުގައި ދެމިތިބުމަށް ވަނީ ގޮވާލާފައެވެ. ހަމައެހެންމެ، ހެޔޮ އަމަލުތަކަކީ މާތް ﷲގެ ރަޙުމަތް ލިބޭނެ ސަބަބެއް ކަމަށްވާއިރު، ފާފަތަކަށް އަރައިގަތުމަކީ އެކަލާނގެ ރަޙުމަތުން ދުރުކުރާނެ ކަމެއްކަން ހަނދާންކޮށްދިނެވެ. އެހެންކަމުން ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، ފިތުނަ ފަސާދަ އުފެއްދުން ފަދަ އެންމެހައި ނުބައި ކަންކަމުން ދުރުހެލިވެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ ބަޔަކަށް ވުމަށް ހުރިހާ މުސްލިމުންނަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދަލާއި، އަބުރު ރައްކާތެރިކުރުމަށް މި ޤަމުގައި މަސައްކަތްތަކެއް ކުރަން މިހާރު ވަނީ ޖެހިފަ: ހުތުބާޚަބަރު | 8 ދުވަސް ކުރިންޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނަން ޖެހޭ: ހުތުބާޚަބަރު | 15 ދުވަސް ކުރިންމި އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތައް، ހެޔޮ އަމަލުތައް ގިނަކޮށް ނުބައިކަންކަމުން ދުރުހެލިވޭޚަބަރު | މަހެއް ކުރިންހެދުން އެޅުމުގެ މަގުސަދު ގެއްލޭގޮތަށް ހެދުން އެޅުން ހުއްޓާލުމަށް ހުކުރު ހުތުބާގައި ގޮވާލައިފިޚަބަރު | 2 މަސް ކުރިން