އިސްރާޢިލުން ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުވެއްޖެ


13 ޖޫން 2025 - 15:07
ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދު ވެއްޖެއެވެ.
އީރާނުގެ ސަރުކާރާ ނުރަސްމީ ގޮތުން ގުޅުންހުރި ނޫހަކުން ބުނީ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީން ދިން ޙަމަލާތަކުގައި 78 މީހުން ޝަހީދުވެ، 329 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.އެ ޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ދިން 100އަށްވުރެ ގިނަ ޑްރޯން ޙަމަލާގައި ބޭނުންކޮށްފައި ވަނީ ޝާހެދު ޑްރޯނެވެ. ޔަހޫދީން ވަނީ ހުރިހާ ޑްރޯންތައް ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ. ޔަހޫދީންނަށް އީރާނުގެ ޙަމަލާތައް ހުއްޓުވުނީ އުރުދުންގެ ބޮޑު އެހީތެރިކަމާއެކުގައެވެ.
އުރުދުންގެ ރޯޔަލް އެއާފޯސްގެ މަތިންދާބޯޓާއި ވައިގެ ދިފާޢީ ނިޒާމުން އުރުދުންގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ އީރާނުގެ ޑްރޯންއާއި މިސައިލު ހުއްޓުވާފައިވާ ކަން އެ ޤައުމުން ވަނީ ޔަޤީން ކޮށްދީފައެވެ.
ޔަހޫދީން އީރާނަށް ހަމަލާ ދޭން ފަށާފައި ވަނީ ހުކުރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އަސްކަރީ މަރުކަޒުތަކަށާއި ނިއުލްލިޔަަރ މަރުކަޒުތަކަށް އަމާޒު ކޮށް ޔަހޫދީން ދިން ޙަމަލާގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ އިތުރުން ހަ ނިއުކްލިއަރ ސައިންޓިސްޓުން ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ.
އިތުރު ލިޔުންތައް

އިޒްރޭލުން އީރާނަށް ދިން ޙަމަލާ ރައީސް ކުށްވެރިކުރައްވައިފި
10 ދުވަސް ކުރިން
އީރާންގެ ނިއުކްލިޔަރ ޕްރޮގުރާމުގެ ކޮންޓްރޯލް ޓްރަމްޕަށް ނެގިދާނެތަ؟
10 ދުވަސް ކުރިން
އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް ޙަމަލާ ދޭނަން - އީރާން
9 ދުވަސް ކުރިން