ތާރީޚުގެ ތެރެއިިން: އިޒްރޭލުން އީރާނަށް ކުރާ ސާބިތުނުހިފޭ ނިއުކްލިއާގެ ތުހުމަތުތައް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- މެންދުރު ގްރެފިކްސް
.jpg&w=3840&q=75)
15 ޖޫން 2025 - 03:00
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަބަދުވެސް އީރާނު ދެކެމުން އައީ، އީރާނަކީ އެމީހުންގެ އެންމެ ބޮޑު ހަތުރުންގެ ގޮތުގައެވެ. އެންމެ ބޮޑު ބިރުގެ ގޮތުގައެވެ. އޭގެ ނަތީއްޖާއަކަށްވީ، މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް އިޒްރޭލުން އީރާނާ ދެކޮޅަށް އެތައް ތުހުމަތުތަކެއް ކުރަމުން އައުމެވެ. އެގޮތުން ވެސް އެންމެ ބޮޑު ކަމެއްގެ ގޮތުގައި އިޒްރޭލުން ނަގަމުން އައި ކަމަކީ އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފައްދަމުންދާ ކަމަށް ބުނެ ނަގަމުން އައި ވާހަކައެވެ.
ތާރީޚަށް ބަލާއިރު، އިޒްރޭލުން އެ ވާހަކަތައް ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމުތަކުގައި އަދި އެކި އިތުރު މަންސަތަކުގައި ދައްކާފައިވެއެވެ. އެގޮތުން އީރާނަށް އެކި ތުހުމަތުތައްކޮށް، އެކަންކަން ހުއްޓުވަންޖެހޭ ކަމަށް އިޒްރޭލުން ބުނެފައިވެއެވެ. އެގޮތުން މި ލިޔުމުގައި މި ފާހަގަކޮށްލަނީ ފާއިތުވެދިޔަ ގާތްގަޑަކަށް 33 އަހަރުގެ ތެރޭގައި އިޒްރޭލުން އީރާނާ ދެކޮޅަށް އުފެއްދި ތަފާތު އެކި ތުހުމަތުތަކާއި، އެކި މަންސަތަކުގައި ދެއްކި ބައެއް ވާހަކަތަކަވެ.
- 1992 ވަނަ އަހަރު އޭރުގެ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު މޮޝޭ އަރްސެން އަދި އޭރުގެ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ކަމުގައިވާ ކްނެސެޓްގެ މެންބަރު އަދި މިހާރުގެ ބޮޑު ވަޒީރު ނަތަންޔާހޫ، މަޖިލީހުގައި އީރާނާ ގުޅޭ ގޮތުން ތުހުމަތުކުރެއްވީ ކުރިއަށް އޮތް 3 ނުވަތަ 5 އަހަރުގެ ތެރޭގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން އެމަގުން ހިނގާފައެއް ނުވެއެވެ.
- 1993 ވަނަ އަހަރު އީރާނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ ފެށި ކެމްޕެއިނެއްގެ ތެރެއިން، އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި އިޒްރޭލުގެ ސަރުކާރުގެ އިތުރުން، ހުޅަނގުގެ ވެރިން ދިޔައީ އީރާނުން ނިއުކްލިއާ ހަތިޔާރުތައް އުފެއްދުމާ ވަރަށް ގާތްވެއްޖެ ކަމުގައި ބުނަމުންނެވެ. އެހެން ނަމަވެސް އެކަން ވެސް ސާބިތުކުރެވިފައިނުވެއެވެ.
- 1996 ވަނަ އަހަރު އިޒްރޭލުގެ ބޮޑު ވަޒީރު ކަމާ ބެންޖަމިން ނަތަންޔާހޫ ހަވާލުވުމަށްފަހު، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ވަރަށް ގާތްވެއްޖެ ކަމުގެ ތުހުމަތުކުރިއެވެ. އަދި ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އެ ހަތިޔާރުތައް އުފައްދާނެ ކަމުގެ ތުހުމަތުކުރިއިރު، އެ ވާހަކަ އޭނާ ދެއްކީ އެ އަހަރުގެ ޖުލައި މަހު، އެމެރިކާގެ ކޮންގްރެސްގައި ވާހަކަ ދައްކަމުންނެވެ.
- 2003 ވަނަ އަހަރު، އިޒްރޭލުގެ އޭރުގެ ޑިފެންސް މިނިސްޓަރު ޝައުލް މޯފަޒް އަދި އޭރުގެ އިޒްރޭލުގެ ބޮޑު ވަޒީރު އަރިއެލް ޝެރޮން ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާކަމުގައި ބުނެ، އެކަމަކީ މުޅި ދުނިޔެއަށް ވެސް ހުރި ނުރައްކަލެއްގެ ގޮތުގައި ސިފަކުރިއެވެ. އަދި އެ ހަތިޔާރުތައް އުފެއްދުން ހުއްޓުވަން ޖެހޭ ކަމަށް އެ އަހަރު ބޭއްވި އެކި ނޫސްކޮންފަރެންސްތަކަމުގައި ޝައުލް ބުނެފައިވެއެވެ.
- 2006 ވަނަ އަހަރު އިޒްރޭލުގެ އޭރުގެ ބޮޑު ވަޒީރު އެހުދް އޮލްމާޓް ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށް ވަރަށް ވަގުތު ކުޑަތަންވެފައިވާ ކަމުގައި ބުނެފައެވެ. އެގޮތުން އެ އަހަރު އީރާނުން އައިއޭއީއޭ އަދި އީޔޫ އާއެކު ކުރި މަޝްވަރާތައް މެދުކެނޑި، ޔޫރޭނިއަމް ފައްކާކުރުން އިތުރުކުރުމާއެކު އިޒްރޭލުން މި ވާހަކަ މާ ބޮޑަށް ދައްކަން ފެށިއެވެ.
- 2010 ވަނަ އަހަރު، އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާ ވެސް އީރާނުގެ ނިއުކްލިއާ ހަތިޔާރުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކިއެވެ. އެގޮތުން އެ އަހަރު ޔޫރަޕު އަދި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުތަކުގައި، ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް ފޯރަމުތަކުގައި ނަތަންޔާހޫ ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރެއް ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އުފައްދާނެ ކަމަށް ވިދާޅުވިއެވެ.
- 2013 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލުން ކުރިއަށް އޮތް ހޫނު މޫސުމުގެ ކުރިން ނިއުކްލިއާ ހަތިޔާރު އުފެއްދޭނެ ޤާބިލުކަން ގާއިމްކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެ އަހަރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާ ބައްދަލުކުރައްވައި ވެސް، އީރާނުން ވަރަށް އަވަހަށް ރަތް ރޮނގު ހުރަސްކުރާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އަދި އެކަމަށް ހުރަސް އެޅުމަށް ބައިނަލްއަގުވާމީ ދުނިޔެއަށް އޭނާ ގޮވައި ވެސްލެއްވިއެވެ.
- 2022 ވަނަ އަހަރު އިޒްރޭލުގެ ޚާރިޖީ ވަޒީރު އަދި ފަހުން ބޮޑު ވަޒީރުކަމާ ހަވާލުވި ޔައިރް ލަޕިޑް ވަނީ، ކުރިޔަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ނިއުކްލިއާ ހަތިޔާރު އުފައްދާނެ ކަމުގައި ބުނެފައެވެ. އަދި އެއަހަރުގެ މެދު ތެރޭގައި އެމެރިކާގެ އޭރުގެ ރައީސް ބައިޑަންއާ ބައްދަލުކުރައްވައި ލަޕިޑް ވަނީ އީރާނުން ވަރަށް އަވަހަށް ނިއުކްލިއާ ހަތިޔާރެއް އުފައްދާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
- 2024 ވަނަ އަހަރު، މިދިޔަ އަހަރު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނުން ވަރަށް އަވަހަށް ނިއުކްލިއާ ހަތިޔާރު އުފައްދާނެ ކަމުގެ އިންޒާރު ދީފައެވެ. އެންމެ ފަހުން މި އަހަރު ވެސް އެ ވާހަކަތައް ތަކުރާރުކުރުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުން އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތައް އިޒްރޭލުން އަމާޒުކުރީ ވެސް އީރާނުގެ ނިއުކްލިއާ ސައިޓުތަކަށެވެ.
މި ހުރިހާ ވާހަކަތެއް ދެއްކި އިރު ވެސް، މި ވަގުތު ވެސް މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރު ގެންގުޅޭ ހަމައެކަނި ގައުމެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ އިޒްރޭލު އެކަންޏެވެ. 19650 ގައި ފްރާންސުގެ އެހީތެރިކަމާއެކު އިޒްރޭލުން ފެށި ނިއުކްލިއާ ފައްކާ ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން 1967 ވަނަ އަހަރު އިޒްރޭލުގައި ނިއުކްލިއާ ހަތިޔާރެއް އުފެއްދިކަމަށް އޭރުގެ ނޫސްތަކުން ރިޕޯޓުކުރިއެވެ. މިއަދާ ހަމައަށް އައިއިރު ވެސް އެ ޕްރޮގްރާމްތައް އިޒްރޭލުގައި ކުރިއަށްދާއިރު، އެކަމާ ގުޅޭ ގޮތުން އިރާނުން ކަންބޮޑުވުން ފާޅުކުރާތަނެއް ނުފެނޭ. އެހެންކަމުން އިޒްރޭލާއި އެމެރިކާއިން މިކަމުގެ ކަންބޮޑުވުން ފާޅުކުރަނީ، އެމީހުންގެ މުނާފިގުކަމުން ކަމަށް ބުނެވޭނެ ޖާގަ އެބައޮތްތޯއެވެ؟
އިތުރު ލިޔުންތައް

އިޒްރޭލުން އީރާނަށް ދިން ޙަމަލާ ރައީސް ކުށްވެރިކުރައްވައިފި
11 ދުވަސް ކުރިން
އިސްރާޢިލުން ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުވެއްޖެ
10 ދުވަސް ކުރިން
އީރާންގެ ނިއުކްލިޔަރ ޕްރޮގުރާމުގެ ކޮންޓްރޯލް ޓްރަމްޕަށް ނެގިދާނެތަ؟
10 ދުވަސް ކުރިން