އީރާންގެ ނިއުކްލިޔަރ ޕްރޮގުރާމުގެ ކޮންޓްރޯލް ޓްރަމްޕަށް ނެގިދާނެތަ؟


14 ޖޫން 2025 - 07:41
އިސްރާޢީލުން އީރާންގެ އުކްލިޔަރ މަރުކަޒުތަކަށް އަމާކޮށްގެން ދިން ޙަމަލާގެ ފަހަތުގައި ހުރީ އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މި ޙަމަލާގެ އެންމެ ބޮޑު މަޤްޞަދެއް ކަމަށް ވެފައި އޮތީ، އީރާންގެ ނިއުކްލިއަރ ޕްރޮގްރާމްގެ ހުރިހާ ކޮންޓްރޯލެއް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމެވެ. މި ޙަމަލާގެ ކުރިން މިކަމުގެ މަޝްވަރާތަކެއް ދެ ޤައުމުގެ މެދުގައި ކޮށްފައިވެއެވެ.
އިސްރާޢީލުން އީރާނަށް ދިން ޙަމަލާތައް ރޭވުމުގައި ޔަހޫދީން ޓްރަމްޕްގެ ސަރުކާރާ އެކު މަޝްވަރާ ކޮށްފައިވާ ކަން ސާފެވެ. އަދި، ޙަމަލާ ދޭން ފަށާފައި މި ވަނީ އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް، އެމެރިކާއިން ބުނީ، ޔަހޫދީންގެ ޙަމަލާތަކުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާނެ ކަމުގައެވެ.ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން އެމެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް އީރާނަށް މަޖުބޫރު ކުރުވުމަށް އިތުރު ފުރުޞަތެއް ޓްރަމްޕަށް ލިބިގެން ގޮސްފައިވާ ކަމުގައި ވެސް މަސްރަޙު ދިރާސާ ބައެއް ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޖޫން 13 ވަނަ ދުވަހު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ އީރާނަށް އިތުރު ގޮތެއް ނެތް ކަމަށް ސިފަވާ މޭރުމަކުން ވިދާޅުވެފައެވެ. އަދި، ޔަހޫދީ ފައުޖުން އީރާނަށް އަމާޒުކޮށް ދެން ދޭ ޙަމަލާތައް އިތުރަށް ނުރައްކާތެރިވާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް އެ މޭރުމުން ވިދާޅުވި ފަހުން ވެސް ޔަހޫދީ ފަައުޖުން ވަނީ އީރާނަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް ދީފައެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެމެރިކާގެ ކޮންޓްރޯލުގެ ދަށަށް އެ ޕުރޮގުރާމު ގެންދިއުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމާޒެކެވެ. އެ ކަމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލުމަށް ދެ ޤައުމުގެ ދެމެދުގައި ވަނީ މަޝްވަރާތަކެއް ފަށާފައެވެ. ނަމަވެސް، ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން އެ މަޝްވަރާތަކުގެ ކުރިމަގާ މެދު މި ވަނީ ސުވާލު އުފެދިފައެވެ. އަދި، ޖޫން 15 ވަނަ ދުވަހަށް ތާވަލު ކޮށްފައި އޮތް މަޝްވަރާތަކުގެ ހަވަނަ ބައްދަލުވުމަށް މި ވަނީ ހިޔަނި އެޅިފައެވެ.އީރާންގެ ނިއުކްލިޔަރ ޕުރޮގްރާމަށް ބާރާއި ނުފޫޒު ފޯރުވުމަށް 2015 ވަނަ އަހަރު ވެސް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ވަނީ އެ ޤައުމާ އެކު ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ ނަމުގައި އެއްބަސްވުމެއް އެކުލަވައިލާފައެވެ. ނަމަވެސް، 2018 ވަނަ އަހަރު އެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލައްވައި، އެއްބަސްވުން ބާޠިލު ކުރައްވާފައި ވަނީ ޓްރަމްޕްގެ ރައީސް ކަމުގެ ފުރަތަމަ ދައުރުގައި އޭނާއެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކާ އެކު މެދުއިރުމަތީގެ މަސްރަޙު މި ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މައި މަރުކަޒުތަކާއި، އަސްކަރިއްޔާގެ އިސްވެރިންނާއި އަސްކަރީ މަރުކަޒުތަކަށެވެ. ޔަހޫދީ ފައުޖުން ބުނީ، ޙަމަލާތަކުގެ އަމާޒަކީ ނިއުކްލިޔަރ ޕުރޮގުރާމު ދޫކޮށްލުމަށް އީރާނަށް މަޖުބޫރު ކުރުވުން ކަމުގައެވެ. ނަމަވެސް، މާހިރުން ބުނީ، ޔަހޫދީންގެ ޙަމަލާތަކާ އެކު ނިއުކްލިޔަރ ޕުރޮގުރާމު އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އީރާނަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމުގައެވެ.
އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކާ އެކު ނިއުކްލިޔަރ ޕުރޮގުރާމް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔުން ނޫން އިތުރު ކަމެއް ހާސިލުވެފައެއް ނުވެއެވެ.
"ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުގައި އޮތް އެއް ކަންބޮޑުވުމަކީ، އެ ޙަމަލާތަކާ އެކު ނިއުކްލިޔަރ ޕުރޮގްރާމު ކުޑަކޮށް މަޑުޖެހިގެން ދިޔަ ނަމަވެސް، އައު ހިތްވަރަކާ އެކު އެ ޕުރޮގްރާމު ފުޅާކޮށް ކުރިއަރުވައި، ނިއުކްލިޔަރ ހަތިޔާރެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ފުރުޞަތު ބޮޑުވުން،" އިންޓަރނޭޝަނަލް ކްރައިސިސް ގުރޫޕު (އައިސީޖީ)ގައި އީރާންގެ މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ޢަލީ ފާޔިޛް ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

އެމެރިކާގެ އިންތިޚާބު: އެންމެ ފަހުގެ ދެ ޕޯލުން ކުރީގައި ހެރިސް
8 މަސް ކުރިން
ރަޙީނުން މިނިވަންކުރަން ގޮވާލައި ޓްރަމްޕްގެ އިންޒާރު ހަމާސްއަށް
6 މަސް ކުރިން
ޓްރަމްޕުގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބުގެ ނައިބަކަށް ޕްރޯ އިސްރާއީލީ މޯގަން
6 މަސް ކުރިން