logoEN
ދުނިޔެ

އިޒްރޭލާއި މިސްރު ފިޔަވައި އެމެރިކާއިން ހިންގާ އެހީގެ ޕްރޮގްރާމްތަކަށް ފައިސާ ދިނުން މެދުކަނޑާލައިފި

މާކޯ ރޫބިއޯ

މާކޯ ރޫބިއޯ

ސުދާ ލަތީފްސުދާ ލަތީފް

25 ޖެނުއަރީ 2025 - 09:58

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އެކުވެރި ދެ ގައުމު ކަމަށްވާ އިސްރާއީލާއި މިސްރު ފިޔަވައި ، ބޭރު ގައުމުތަކަށް ދެމުން އަންނަ އިންސާނީ އެހީތަކާ ތަރައްގީގެ މަޝްރޫއުތަކަށް ދޭ އެހީތައް މެދުކަނޑާލައިފިއެވެ.

ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ސޮއި ކުރެއްވި މި އަމުރުގައިވާގޮތުން، މިހާރު ހިނގަމުންދާ އެހީގެ ޕްރޮގްރާމްތައް ހުއްޓާލުމުގެ އިތުރުން ، އާ ޕްރޮގްރާމްތަކެއް ފެށުންވެސްް ވަނީ މަނާ ކޮށްފައެެވެ.

ނަަމަވެސް މި އަމުރުން އިސްރާއީލާއި މިސުރު ވަނީ އިސްތިސްނާކޮށްފައެވެ. އެގޮތުން މި ދެ ގައުމަށް އެމެރިކާއިން ދެމުންދާ އެހީތައް ކުރިއަށްދާނެއެވެ.

ބޭރު ގައުމުތަކަށް ދެމުންދާ އެހީތައް ރައިސް ޓްރަމްޕްގެ އާ ހާރިޖީ ސިޔާސަތާ އެއްގޮތްތޯ ބެލުމަކީ މި އަމުރު ނެރުމުގެ މަގްސަދު ކަމަށް މުރާޖާއަކުން ބަޔާންކޮށްފައިވެއެވެ.

މި ނިންމުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެފަރާތުން ބުނާ ގޮތުގައި މިއީ ދުނިޔޭގެ އކި ކަންކޮޅުތަކުގައ ތިބިި އެކި އެހީއަށް ބޭނުންވެފައިވާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

އެމެރިކާއިން ބޭރު ގައުމުތަކުގައި ހިންގަމުންދިޔަ 72 ބިލިއަން ޑޮލަރުގެެ އެހީގެ ޕްރޮގްރާމްތަކަށް މި ނިންމުމާ ގުލިގެން ވަނީ ހުއްޓުން އަރާފައެވެ.

މި ނިންމުމާ ގުޅިގެން، ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. ރެފިއުޖީޒް އިންޓަރނޭޝަނަލްގެ ރައީސް ޖެރެމީ ކޯނިންދީކް ވިދާޅުވީ މިއީ "މޮޔަ ނިންމުމެއް" ކަމަށާއި، މީގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާނެ ކަމަށެވެ.

އެމެރިކާގެ ކޮންގްރެސްގައިވެސް މި ނިންމުމާމެދު މަޝްވަރާތައް ފަށާފައިވާ ކަމަށާއި، ބައެއް ފަރާތްތަކުން ބުނަނީ މިއީ ޣައިރު ޤާނޫނީ ނިންމުމެއް ކަމަށެވެ. އަދި މީގެ ސަބަބުން އެމެރިކާގެ ނުފޫޒު ގެއްލި، އެހެން ގައުމުތަކުން އެހީ ހޯދުމަށް އެމެރިކާގެ އެކުވެރިންނަށް މަޖުބޫރުވެދާނެ ކަމަށް ބައެއް މަސްދަރުތަކުން ބުނެފައިވެއެވެ.

މި ނިންމުމުގެ ސަބަބުން ޔޫކްރެއިންގައި ހިންގަމުންދިޔަ ތައުލީމީ އަދި ސިއްހީ އެހީގެ ޕްރޮގްރާމްތަކަށްވެސް ވަނީ ހުއްޓުން އަރާފައެވެ. ނަމަވެސް، ޣައްޒާގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހިންގަމުންދާ ޕްރޮގްރާމްތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

871x217_placeholder