logoEN

އަމިއްލަ ވަޒަނަށް ދެވޭގޮތް ނުވެ، އެތައް ހާސް ފަތުރުވެރިންނެއް ތާށިވެއްޖެ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

17 ޖޫން 2025 - 12:09

ޒަޔަނިސްޓް ޔަހޫދީން ހިފާފައިވާ ރަށްތަކަށް އީރާނުން ދެމުންދާ ވަރުގަދަ ޙަމަލާތަކާ ގުޅިގެން އެތަކެއް ހާސް ފަތުރުވެރިންތަކެއް އެ ރަށްތަކުގައި ތާށިވެއްޖެއެވެ.

އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ފަހު ޔަހޫދީ ސަރުކާރުން ވަނީ ޔަހޫދީން ކޮންޓްރޯލްކުރާ ވައިގެ ސަރަޙައްދާއި ވައިގެ ބަނދަރުތައް ބަންދު ކޮށްފައެވެ. އަދި، ތިބި ތާކު ތިބެ، ރައްކާތެރިކަން ހޯދުމަށް އެ ޤައުމުގެ ރައްޔިތުންނާއި އެ ޤައުމަށް ޒިޔާރަތް ކުރަމުން ގޮސްފައިވާ ފަތުރުވެރިންނަށް އިރުޝާދު ދީފައެވެ.

ޔަހޫދީންގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، އެމީހުންނާ އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅިގެން އެ ޤައުމަށް ދަތުރުކުރި 40,000 އެއްހާ ފަތުރުވެރިން ތާށިވެފައިވާ ކަމުގައެވެ. އެއަރލައިންތަކުން ވައިގެ އުދުހުންތައް ކެންސަލް ކުރުމާ އެކު، އެ މީހުންނަށް އަމިއްލަ ވަޒަނަށް ދަތުރު ކުރުމުގެ މަގުތައް ވަނީ ބަންދުވެފައެވެ.

ޔަހޫދީންގެ ރަށްތަކުގައި ތާށިވެފައި ތިބި ފަތުރުވެރިންނަށް އެ ޤައުމު ދޫކޮށް އަމިއްލަ ވަޒަނަށް ދަތުރު ކުރެވެން މި ވަގުތު އޮތް ހަމައެކަނި މަގަނީ އެއްގަމު މަގުން އުރުދުނަށް ދަތުރު ކުރުމެވެ. އަދި، އުރުދުންގެ ވެރިރަށް ޢައްމާނުން އެއަރލައިނެއް ހޯދުމެވެ. އެރަށްތަކުގައި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ފަތުރުވެރިން ޢައްމާން މަގުން އަމިއްލަ ޤައުމަށް ދަތުރު ފަށާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯންތައް ބޭނުން ކޮށްގެން އީރާނުން ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ، ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އިސްވެ އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އީރާންގެ ވަރުގަދަ ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ހުރިހާ ރަށެއްގައިވާ ފަތުރުވެރިންގެ މަންޒިލްތައް ވަނީ ބަންދު ކޮށްފައެވެ.

ޔަހޫދީ ފައުޖުން އީރާނަށް ދެމުންދާ ޙަަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 220އަށް އުފުލިފައެވެ. އޭގެ ތެރޭގައި 70 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ދެމުންދާ ޙަމަލާތަކުގައި ޔަހޫދީންގެ 20 ވަރަކަށް މީހުން ވަނީ މަރައިލާފައެެވެ.

ކޮމެންޓް

871x217_placeholder