ޔޯގާ ދުވަހުގެ ހަމަނުޖެހުމުގައި ސީދާ ބައިވެރިނުވާ މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

ފޮޓޯ؛ ޕްރެސް އެމްވީ

17 ޖޫން 2025 - 13:42
ޔޯގާ ދުވަހު ހިންގި ހަރަކާތުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ހުރި ފަރާތްތައް ފިޔަވައި ދެން ތިބި މީހުންނަށްކުރި ދައުވާތައް ކުރިއަށްނުގެންދަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިިފިއެވެ.
21 ޖޫން 2022 ދުވަހު، ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް އެދި ދައުވާގައި ޝަމިލުވާ މީހުންވަނީ ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅާފައެވެ.
ޕީޖީން ބުނީ މި މައްސަލާގައި ކޮށްފައިވާ ދަޢުވާތައް މުރާޖަޢާކުރުމަށްފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަށް އިތުރަށް ކުރިއަށް ނުގެންދިއުމަށާއި، މި މައްސަލާގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުއާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށެވެ.
ދަޢުވާތަށް މުރާޖަޢާކުރުމުގައި، މި ކުށުގެ އަމަލު ހިނގައިދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިންކަމަށްވުމާއި، މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި، ދަޢުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި، ދަޢުވާލިބޭ ފަރާތްތަކުން މުޖުތަމަޢުގައި އަދާކުރާ ދައުރަށް ރިޢާޔަތްކޮށްފައިވާނެކަމަށް އެ އޮފީހުން މައުލޫމަތުދެއެވެ.
ޕީޖީ އޮފީހުގެ މި ނިންމުމާއެކު މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށްދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުން މައްޗަށް ކޮށްފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާތަކެވެ.
އިތުރު ލިޔުންތައް

އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކޮށްފި
10 މަސް ކުރިން
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 މަސް ކުރިން
ޕީޖީ އައްޔަން ކުރަން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ
10 މަސް ކުރިން